Last Updated: April 29, 06:03
Monday, April 29, 2024
ދުނިޔެ

އިންޑިއާގައި ބްރެޒިލްގެ އަންހެނަކު ރޭޕްކޮށްފި

ސްޕެއިންގެ ފިރިމީހާއާ އެކީ އިންޑިއާ ސައިކަލް ޓުއާއެއްގައި ގޮސް އުޅެނިކޮށް ބްރެޒިލްގެ އަންހެނަކު ރޭޕްކޮށްފި އެވެ.

އުމުރުން 28 އަހަރުގެ މީހާ އެ ވާހަކަ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެެ. އޭގައި އޭނަ ބުނީ ހަތް މީހަކު ހިމެނޭ ގޭންގެއްގެ ބަޔަކު އެ މީހުން ޖާކަންދުގެ ދުމްކީ ޑިސްޓްރިކްޓްގައި ރޭގަނޑު ދުއްވާފައި ދަނިކޮށް ހުއްޓުވައި އަނިޔާކޮށް، އަތުގައި ހުރި ބައެއް ތަކެތި ވެސް ފޭރި ގަނެ ރޭޕްކޮށްފައިވާ ކަމަށެވެ.

އަންހެން މީހާ ބުނި ގޮތުގައި އެ ގޭންގުގެ މީހުންގެ އޭނަގެ ފިރިމީހާގެ ބޮލުގައި އެތައް ފަހަރަކު ހެލްމެޓަކުން ވަރަށް ބާރަށް ޖަހައި، މަރައިލާނެކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން މިހާރު ވަނީ ރޭޕްގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށް، އިތުރު ތިން މީހަކު ހޯދުމުގެ މަސައްކަތް ކިރަމުންނެވެ.

ދުމްކީގެ ޕޮލިސް ސުޕްރިންޑެންޓް ޕިތަމްބަރު ސިންގު ކެރްވާރް ވިދާޅުވީ އެ ހާދިސާ މިހާރު ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން އިންޑިއާގައި ހުންނަ ބްރެޒިލް އާއި ސްޕެއިންގެ އެމްބަސީން ވެސް ކަންބޮޑުވުން ފާޅުކޮށް ބަޔާންތަކެއް ނެރެފައިވެ އެވެ. އެމްބަސީން ބުނީ އެ މައްސަލަ ޖިނާއީ ބޮޑު މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.

މީގެ ކުރިން ވެސް އިންޑިއާގައި ބިދޭސީން ރޭޕްކޮށްފައިވެ އެވެ. އިންޑިއާ އަކީ މުޅި ދުނިޔޭގައި ވެސް ރޭޕްގެ ކޭސްތައް އެންމެ ގިނަ ގައުމެވެ. އެގޮތުން އަންހެނުންނާއި ކުޑަކުދިން ރޭޕްކުރުމަކީ ކޮންމެ ދުވަހެއްގައިހެން އެ ގައުމުގައި ހިންގަމުންދާ ޖަރީމާއެކެވެ.