Last Updated: April 29, 00:08
Sunday, April 28, 2024
ދުނިޔެ

ގާޒާގައި ކުޑަކުދިން ބަނޑަށް މަރުވަނީ

ފަލަސްތީނުގެ ގާޒާގައި ކުޑަކުދިން ބަނޑަށް މަރުވަމުންދާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ކާނާ އާއި ފެން ނުލިބުމުގެ ސަބަބުން މިހާތަނަށް ގާޒާ އިން 15 ކުޑަކުއްޖަކު މަރުވެފައިވާ ކަމަށެވެ. އަދި ކާނާ އާއި ފެން ނުލިބުމުގެ ސަބަބުން ހާލު ދެރަވެ ކަމާލް އަދްވާން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ހަ ކުޑަކުއްޖަކު ވެސް ހޮސްޕިޓަލުގައި އެކަށީގެންވާ ފެންވަރަށް ސިއްހީ ހިދުމަތް ލިބެން ނެތުމުގެ ސަބަބުން މަރުވުމުގެ ބިރު އެބައޮތް ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ގާޒާ އިން ކުޑަކުދިން ބަނޑަށް މަރުވާން ފަށާފައިވާއިރު، ބަނޑު ހައިހޫނުކަމުގައި ގާޒާ އިން އެތައް ބަޔަކު މަރުވުން ގާތް ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން މީގެކުރިން ވަނީ އިންޒާރުދީފަ އެވެ.

ބަނޑުހައިހޫނު ކަމުގެ އިތުރުން ގާޒާގެ އެކި ސަރަހައްދުތަކުގައި ތަފާތު އެކި ބަލިތައް ވެސް އަންނަނީ ފެތުރެމުންނެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާ އިން 30،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.