Last Updated: May 5, 18:07
Sunday, May 5, 2024
ކުޅިވަރު

އާސެނަލަށް 6 ލަނޑުގެ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް 6-0 އިން އާސެނަލުން ކުރި ހޯދައިފި އެވެ.

މި މޮޅާ އެކު 27 މެޗުން ލިބުނު 61 ޕޮއިންޓާ އެކު އާސެނަލް އޮތީ ލީގުގެ ތިންވަނައިގަ އެވެ. ދެވަނައިގައި 27 މެޗުން 62 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު އެއްވަނައިގައި 27 މެޗުން 63 ޕޮއިންޓު ހޯދައިގެން އޮތީ ލިވަޕޫލް އެވެ.

ލީގުގެ ފުލުގައި އޮތް ޝެފީލްޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް އާސެނަލުން ނިންމާލީ ފަސް ގޯލުގެ ލީޑަކާ އެކު އެވެ. އެގޮތުން މެޗުގެ ފަސްވަނަ މިނެޓްގައި އާސެނަލްގެ ފުރަތަމަ ގޯލު އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކޮށްދިން އިރު އާސެނަލްގެ ދެވަނަ ގޯލަކީ މެޗުގެ 13 ވަނަ މިނެޓްގައި ބޯގަލް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި އޭގެ ދެ މިނެޓް ފަހުން ގެބްރިއަލް މާޓިނެއްލީ ވަނީ އާސެނަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

އާސެނަލުން ތިން ގޯލުގެ ލީޑެއް ނެގުމާ އެކު ޝެފީލްޑްގެ ބައެއް ސަޕޯޓަރުން ސްޓޭޑިއަމް ދޫކޮށް ގޮސްފައިވާއިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލުން ވަނީ އިތުރު ދެ ގޯލު ކާމިޔާބުކޮށްފަ އެވެ. މި ދެ ގޯލު އާސެނަލަށް ކާމިޔާބުކޮށްދިނީ ކައި ހަވެޓްޒް އާއި ޑެކްލަން ރައިސް އެވެ. އަދި ދެވަނަ ހާފްގައި އާސެނަލްގެ ހަވަނަ ގޯލު ކާމިޔާބުކޮށްދިނީ ބެން ވައިޓް އެވެ.

އާސެނަލުން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މިއަހަރުތެރޭ ލީގުގައި ކުޅުނު ހަތް މެޗުގައި އެޓީމުން ވަނީ ޖުމްލަ 31 ގޯލު ކާމިޔާބުކޮށްފަ އެވެ. ރޭގެ މޮޅަކީ އާސެނަލުން ލީގުގައި ޖެހިޖެހިގެން ހޯދި ހަތްވަނަ މޮޅެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާ އެވެ.