ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯ، ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރު ބެލުންތެރިންްނަށް ގެނެސްދިން ފުރަތަމަ ފިލްމު "ފުރޭތަ" ރޭ އޮލިމްޕަހުގައި ޕްރީމިއާކޮށްފި އެވެ.
މި ފިލްމަކީ އަހުމަދު ތޮލާލުގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ރިވެންޖް އެކްޝަން ތުރިލާއެކެވެ.
މީގެ ކުރިން ދިވެހި ފިލްމުތަކުން ފެނިފައި ނުވާ ފަދަ ތަފާތު އެތައް މަންޒަރުތަކެއް ދައްކުވައިދޭ "ފުރޭތަ" އަކީ ނޭވާ ހިހަފައްޓާލަން ޖެހޭ ކަހަލަ ގިނަ ހާދިސާތަކެއް ހިމެނޭ އަދި މިހާރުގެ ދިވެހި މުޖުތަމައުގެ ހާލަތާ ވަރަށް ގުޅޭ ކަހަލަ ފިލްމެކެވެ. މީގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އައިޝަތު އަސީލާ، ހަމްދާން ފާރޫގް، މުހައްމަދު ރިފްޝާންގެ އިތުރުން އަލީ ނަދީހު ފަދަ ތަރިން ހިމެނެ އެވެ.
"ފުރޭތަ" ގެ ފުރަތަމަ ޝޯ އަށް ފަހު، ގިނަ ބަޔަކު މިހާރު އަންނަނީ ފިލްމު ރިވިއުކޮށް، ސޯޝަލް މީޑިއާގައި ފިލްމު ކަމުދާ ސަބަބުތަކުގެ ވާހަކަ ވެސް ހިއްސާކުރަމުންނެވެ.
މި ފިލްމަކީ މި އަހަރު އޮލިމްޕަހަށް ގެނައި ހަތަރު ވަނަ ފިލްމެވެ. އެތަނުގައި އެންމެ ފަހުން ދެއްކީ މި މަހުގެ 1 ގައި ތުރުކަސް ފިލްމްސް އިން ޕްރީމިއާކޮށް ޖުމްލަ 8 ޝޯ ދެއްކި ކުރު ފިލްމު "ހަދީޖާ" އެވެ. މި އަހަރުގެ ފުރަތަމަ ފިލްމަކީ ޖެނުއަރީ 6 ގައި އެޅުވި ދިވެހި ފިލްމު ސްޓޫޑިއޯގެ ލޯބީގެ ފިލްމު "މީ އިޝްގް" އެވެ. އޭގެ ފަހުން މިދިޔަ މަހުގެ 1 ގައި އައި ފިލްމްސްގެ ބިރުވެރި ފިލްމު "ކަންބަޅި" ދައްކާފައިވެ އެވެ.
ދެން އެންމެ އަވަހަށް އޮލިމްޕަހަށް އަންނަން އޮތީ މީގެ 30 އަހަރު ކުރިން "ދެރިޔާ" ގެނެސްދިން ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ގެ "ލަސްވިޔަސް" އެވެ. އެ ފިލްމު ޕްރީމިއާކުރާނީ އަންނަ މަހުގެ 12 ގަ އެވެ.