ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ޚާންގެ ވަތަނީ ފިލްމު "އޭ ވަތަން، މޭރޭ ވަތަން" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގޮފި، ދަރުމަޓިކް އެންޓަޓައިންމަންޓްގެ ފިލްމެކެވެ. "އޭ ވަތަން، މޭރޭ ވަތަން" ޑައިރެކްޓްކުރީ 2013 ގެ ސުޕަނެޗްރަލް ތުރިލާ "އޭކް ތީ ޑާޔަން" ގެނެސްދިން ކަންނާން އައްޔަރެވެ. އޭނަގެ އާ ފިލްމަކީ އިންޑިއާ އަށް މިނިވަންކަން ހޯދަން ކުރި މަސައްކަތުގެ ތެރޭގައި އަންޑަ-ގްރައުންޑް ރޭޑިއޯއެއްގެ ގޮތުގައި ހިންގި ކޮންގްރެސް ރޭޑިއޯގައި މަސައްކަތްކުރި އޫޝާ މެހެތާ އަށް ބިނާކޮށް ހަދާފައިވާ ފިލްމެވެ.
މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ، ފިލްމުގައި އޫޝާގެ ރޯލެވެ.
"އޭ ވަތަން، މޭރޭ ވަތަން" ގެ ކާސްޓްގައި އާނަންދު ތިވާރީ، ސަޗިން ކެޑޭކަރް އަދި ވަރަށް ހާއްސަ ރޯލަކުން އިމްރާން ހާޝިމީ ވެސް ފެންނާނެ އެވެ.
މި ފިލްމު ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 21 ގަ އެވެ.
"އޭ ވަތަން، މޭރޭ" ވަތަންގެ ކުރިން މި މަހުގެ 15 ގައި ނެޓްފްލިކްސް އަށް ސާރާގެ މިސްޓްރީ ފިލްމު "މާޑާ މުބާރަކް" އަންނާނެ އެވެ. ހޯމީ އަދަޖާނިއާ ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި ކަރިޝްމާ ކަޕޫރާއި ވިޖޭ ވަރުމާ އާއި ޕަންކަޖް ޓްރިޕަތީ ވެސް ހިމެނެ އެވެ. މީގެ ޓްރެއިލާ މިއަދު އާންމުކުރަން ހަމަހިފައިވެ އެވެ.