Last Updated: April 29, 00:08
Sunday, April 28, 2024
ދުނިޔެ

ބެޒޯސް އަލުން އެންމެ ބޮޑު މަހުޖަނަށްވެއްޖެ

ކުރިން ވެސް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ލިބުނު އެމެރިކާގެ މަޝްހޫރު ކުންފުނި، އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް އަށް އަލުން އެ މަގާމު ލިބިއްޖެ އެވެ.

ބްލޫމްބާގް ބިލިއަނާސް އިންޑެކްސް އިން ދައްކާ ގޮތުގައި 60 އަހަރުގެ ވިޔަފާރިގެ މިލްކިއްޔާތު މިހާރު 200.3 ބިލިއަން ޑޮލަރަށް އަރަ އެވެ. ބެޒޯސް އަކީ ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ވިޔަފާރި، އެމެޒޯން ވުޖޫދަށް ގެނައުމުގެ އިތުރުން ވެސް ތަފާތު އެތައް ބޮޑެތި ކުންފުނިތަކެއްގެ ވެރިއެކެވެ. އޭގެ ތެރޭގައި ޖައްވީ ކުންފުނި ބްލޫ އޮރިޖިން ވެސް ހިމެނެ އެވެ. މީގެ އިތުރުން އެމެރިކާގެ މަޝްހޫރު ނޫސް، ދަ ވޮޝިންޓަން ޕޯސްޓަކީ ވެސް ބެޒޯސްގެ މިލްކެކެވެ.

އޭނަ އަށް އަލުން ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުގެ މަގާމު ލިބުނީ މި ފަހުން އެ މަގާމުގައި ވަރަށް ވާދަވެރިކޮށް ހިފަހައްޓަމުން އައި އީލޮން މަސްކް ދެވަނަ އަށް ވައްޓައިލުމަށް ފަހު އެވެ. ޓެސްލާ އާއި ސްޕޭސް އެކްސް އާއި އެކްސް (ކުރީގެ ޓްވިޓާ) ފަދަ ކުންފުނިތަކުގެ ވެރިޔާގެ މިލްކިއްޔާތަކީ މިހާރު 197.7 ބިލިއަން ޑޮލަރެވެ.

ބްލޫމްބާގް އިން ބުނީ އީލޮން ދެވަނަ އަށް ވެއްޓުނީ އިއްޔެ ޓެސްލާގެ ހިއްސާގެ އަގު ވެއްޓުމާ ގުޅިގެންނެވެ. އެގޮތުން ހިއްސާގެ ބާޒާރުގައި އެ ކުންފުނީގެ ހިއްސާގެ ވިޔަފާރި އަށް 7.2 ޕަސެންޓްގެ ވެއްޓުމަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ މިފަދަ ވެއްޓުންތަކަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވެ އީލޮން އަށް ވަރަށް އަވަހަށް އަލުން އެންމެ ބޮޑު މަހުޖަނުގެ މަގާމަށް ރުޖޫއަވެވޭކަމެވެ. އެހެންވެ އަނެއްކާ ވެސް އަލުން އޭނަ އަށް އެއް ވަނަ އެރުމަކީ ވަރަށް ކައިރި ކަމެކެވެ.

ގިނަ ދުވަސްތަކެއް ފަހުން ބެޒޯސް އަލުން އެއްވަނަ އަށް ޖެހިލި އިރު، އޭނަ ކުރިން އޮތީ ދެވަނައިގަ އެވެ.