Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ޔާމީގެ ފިރިމީހާގެ ފިލްމެއް ރަންވީރަށް

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރިލީޒްކުރި ކާމިޔާބު ފިލްމު "އާޓިކަލް 370" ގެ ބަތަލާ ޔާމީ ގޯތަމްގެ ފިރިމީހާ ޑައިރެކްޓަރު އަދިތިޔާ ދާރްގެ ފިލްމެއް ރަންވީރު ސިންގް އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާ އިން ބުނީ ބޮޑު ބަޖެޓަކުން ހަދަން ނިންމާފައިވާ ފިލްމަކީ އިންޑިއާގެ އިންޓެލިޖެންސީތަކުގެ މަސައްކަތްތަކަށް ބިނާކޮށް ހަދަން ނިންމާފައިވާ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެއް ކަމަށެވެ. އެގޮތުން މިހާރު މި ފިލްމާ ގުޅޭ ގޮތުން ރަންވީރާއި އަދިތިޔާއާ ދެމެދު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ލަސްތަކެއް ނުވެ ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ފިލްމުގެ ސްކްރިޕްޓް ރަންވީރަށް ކިޔައި ދިނުމާ އެކީ އެ ކަމުދިޔަލެއް ބޮޑުކަމުން އޭނަ ވަނީ ފިލްމަށް އެއްބަސްވާނެކަމުގެ ފެހި ސިގްނަލް ދީފަ އެވެ. އެހެންވެ އަދިތިޔާ މިހާރު ހުރީ ރަންވީރުގެ ޖަވާބުގެ އިންތިޒާރުގައި ކަމަށް ބުންޏެވެ.

މަޝްހޫރު ބަތަލާ ދީޕިކާގެ ފިރިމީހާ ރަންވީރު ސޮއިކޮށްފައިވާ، ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ "ޑޮން 3" ގެ ޝޫޓިން މި އަހަރުގެ އޮގަސްޓްގައި ފަށަން އޮތީ ޕްލޭންކޮށްފަ އެވެ. މިހާރު ބައްޕައަކަށްވާން އުޅޭ ރަންވީރުގެ އެންމެ ފަހުގެ ފިލްމަކީ ކަރަން ޖޯހަރްގެ މިދިޔަ އަހަރުގެ "ރޮކީ އޯރް ރާނީ ކީ ލަވް ސްޓޯރީ" އެވެ.

އަދިތިޔާގެ ދެވަނަ ޑައިރެކްޝަން ރަންވީރަށް ހުށަހެޅި އިރު، އޭނަގެ އަލަތު ޑައިރެކްޝަނަކީ ވިކީ ކޯޝަލާ އެކީ 2019 ގައި ގެނެސްދީގެން ބޮޑު ތަރުހީބެއް ލިބުނު ވަތަނީ ފިލްމު "އުރީ: ދަ ސާޖިޖަލް ސްޓްރައިކް" އެވެ. އެ ފިލްމަށް ފަހު ވިކީއާ އެކީ "ދި އިމޯޓަލް އޮފް އަޝްވަތައްމާ" ގެ ނަމުގައި ސުޕަހީރޯ ފިލްމެއް ހަދަން އަދިތިޔާ އިއުލާންކުރި އެވެ.

އެކަމަކު އެއީ ވަރަށް ބޮޑު ބަޖެޓަކުން ހެދޭ ކަހަލަ ފިލްމަކަށްވާތީ ބަޖެޓްގެ ތާށިކަމާ ހެދި އޭގެ މަސައްކަތް އޮތީ ހުއްޓާލައިފަ އެވެ.