Last Updated: June 12, 20:40
Friday, June 12, 2026
މުނިފޫހިފިލުވުން

ލަތާގެ މިއުޒިކް ލޭބަލް ލޯންޗްކޮށްފި

އިންޑިއާގައި އުފެދުނު އެފަދަ ދެވަނައެއް ނެތް އަދި އެ ގައުމު ފަހުރުވެރިވާ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ މިއުޒިކް ލޭބަލް "އެލްއެމް މިއުޒިކް" އާދީއްތަ ދުވަހު ރަސްމީކޮށް ލޯންޗްކޮށްފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ގިނަ ފަންނާނުންތަކެއް ބައިވެރިވި ހަފުލާގައި ލަތާގެ މިއުޒިކް ލޭބަލް ލޯންޗްކޮށް ދިނީ އަމީތާބް ބައްޗަން އާއި ޕަންޑިތު ޖަސްރާޖް އެވެ.
މި ހަފުލާގައި ނީތާ އަމްބާނީ، ސްރީދޭވީ އާއި އޭނާގެ ފިރިމީހާ ބޮނީ ކަޕޫރު، ޑައިރެކްޓަރު މަދުރްބަންޑާކަރު، ލަވަކިޔުންތެރިޔާ އަލްކާ ޔަގްނިކް އަދި މަހާލަކްޝްމީ އައްޔަރު ފަދަ ފަންނާނުން ބައިވެރިވި އެވެ.

މި ހަފުލާގައި ވާހަކަ ދައްކަމުން އަމީތާބް ބުނީ ލަތާ ފަދަ ލަވަކިޔުންތެރިއެއްގެ މިއުޒިކް ލޭބަލްއެއް ލޯންޗް ކުރުމުގެ ހަފުލާގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި އެފަދަ ޝަރަފުވެރި ހަފުލާއެއްގައި ބައިވެރިވާން އޭނާއަކީ އަދި މާ "ކުޑަ ކުޑަ މީހެއް" ކަމަށް ވެސް އަމީތާބް ބުންޏެވެ.
އަމީތާބް ބުނީ ލަތާގެ މިއުޒިކް ލޭބަލުން ގިނަ ބަޔަކަށް ފައިދާ ކުރާނެ ކަމަށް ގަބޫލް ކުރާ ކަމަށާއި އޭގެ ސަބަބުން މިއުޒިކް ދާއިރާ އަަށް ކުރިއެރުންތަކެއް ވެސް ލިބޭނެ ކަމަށް ގަބޫލް ކުރާ ކަމަށެވެ.

މިހާރު އުމުރުން 83 އަހަރުގެ ލަތާގެ މިއުޒިކް ލޭބަލް ލޯންޗް ކުރި އިރު، "އެލްއެމް މިއުޒިކް" ގެ ތައްގަނޑުގައި އާ ހަ އަލްބަމެއް ވެސް ވަނީ ނެރެފަ އެވެ. އޭގެ ތެރޭގައި ސޫފީ ލަވަަތަކާއި ސްޕިރިޗްއަލް ލަވަތަައް ހިމެނޭ އަލްބަމްތައް ހިމެނެ އެވެ. ލަތާގެ މިއުޒިކް ލޭބަލްގެ އެންމެ ބޮޑު މަގުސަދަކީ ވެސް ޒުވާން ހުނަރުވެރި ފަންނާނުން މި ދާއިރާ އަށް ނެރެ އެ މީހުން ކުރިއަރުވަން މަސަައްކަތް ކުރުމެވެ.

ނަވަރާސަތޭކަ ސާޅީސް ދެވަނަ އަހަރުން ފެށިގެން މިހާތަނަށް އައި އިރު ލަތާ ވަނީ އެތައް ހާސް ސޯލޯ އާއި ޑުއެޓް ލަވަތަކެއް ރެކޯޑްކޮށްފަ އެވެ. އޭގެ ތެރޭގައި މަރުހޫމް މުހައްމަދު ރަފީ، ކިޝޯރް ކުމާރް އަދި މުކޭޝް ފަދަ ލަވަކިޔުންތެރިންނާ އެކު ލަތާ ވަނީ ހިތްގައިމު "ރީތި އަބަދުވެސް ރީތި" ލަވަތަކެެއް ގެނެސް ދީފަ އެވެ. މީގެ އިތުރުން ފަހުގެ ލަވަކިޔުންތެރިންނާ އެކު ވެސް ލަތާ ވަނީ އެތަކެއް ހާސް ލަވައެއް ރެކޯޑްކޮށްފަ އެވެ.

އިންޑިއާ އިން "ދުނިޔޭގެ އަށް ވަނަ އަޖައިބް" ގެ ގޮތުގައި ސިފަ ކުރާ ލަތާ ވަނީ 1974-1991 އަށް އެންމެ ގިނަ އަދަދަަކަށް ލަވަ ރެކޯޑްކޮށްގެން ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ހޯދައިފަ އެވެ. އަދި ޝަރަފުވެރި އެތައް އެވޯޑެއް ވެސް އޭނާ ހާސިލްކޮށްފައި ވެ އެވެ.