ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވައިދާ އެއްގޮތަށް ކުރިއަށްނުގޮސް މަސައްކަތްތައް ނުކުރެވި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ހުއްޓިފައި އޮތުމުން ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްގެންދިޔަ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވީ މަޖިލީހުގައި ކުރަން ވަރަށް ގިނަ މަސައްކަތް އެބަހުރި ކަމަށާއި، މިއަދުގެ ޖަލްސާގެ އެޖެންޑާގައިވެސް ގިނަ މަސައްކަތްތަކެއް ހުރި ކަމަށެވެ. މަޖިލިސް ނުބޭއްވި ލަސްވާ ލަސްވުމަކީ ސަރުކާރު ހިންގުމަށް އެޅޭ ހުރަހެއް ކަމަށްވެސް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ނުކުރެވުމުގެ ނަތީޖާއަކީ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދާނުކުރެވި ދިއުން ކަމަށެވެ. ޖަލްސާތައް ބޭއްވުމުގައި އިހުމާލުވަނީ މަޖިލީހުގެ ބައެއް ފަރާތްތަކުންކަން ފާހަގަކޮށް ހަސަން ލަތީފް ވިދާޅުވީ ޖަލްސާ ބޭއްވުމަށް ޑިމޮކްރެޓްސްއިން ބާރުއަޅާ ކަމަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުވާ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުދިއުމުން ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރެވޭނެ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި އެކަމުގެ ނާޖައިޒު ފައިދާ ސަރުކާރުން ނަގަމުންދާ ކަމަށްވެސް ހަސަން ތުހުމަތު ކުރެެއްވިއެވެ.
މި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް މުސާރަ ދެނީ ކެމްޕޭން ކުރުމަށް ނޫން ކަމަށާއި އެ މެންބަރުންނަށް މުސާރަ ދެނީ މަޖިލީހުގެ މަސައްކަތްތައް ކުރުމަށް ކަމަށެވެ. އަދި ދެވަނަ ދައުރަކަށް ކުރިމަތިލައިގެން މަސައްކަތް ކުރަމުންދާ މެންބަރުން ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަން ޖެހޭނީ މަޖިލީހުގެ މަސައްކަތަށް ހުރަސް ނޭޅޭގޮތަށް އެ މަސައްކަތްތައް ކުރުމަށްފަހު ކަމަށްވެސް އީވާ ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާ އެބަ އަދާކުރަންޖެހޭ. މިތަނަށް ފޮނުވާ ޤާނޫނުތައް އަވަހަށް އެބަ ފާސްކޮށްދޭންޖެހޭ. ކޮމިޓީ މަސައްކަތްތައް ކުރިއަށް ގެންގޮސްދޭންޖެހޭ. ފާރަވެރިވުމާއި ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްއެބަ ގެންދަންޖެހޭ. އަޅުގަނޑުމެންގެ ދައުރުގެ ބާކީއޮތީ އެންމެ ދެ މަސް ދުވަސް." އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް އެކި ގޮތް ގޮތުން މަސައްކަތް ކުރެއްވި ކަމަށާއި އެގޮތުން މަޖިލީހުގެ ރިޔާސަތާ އަދި މަޖިލީހުގެ ސިޔާސީ ޕާޓީތަކާ މަޝްވަރާވެސް ކުރެއްވިކަމަށެވެ. އަދި މީޑިޔާއާ މިކަމުގައި ބައްދަލުކުރީ އެތެރެއިން މަސައްކަތްކޮށް ކުރިއެރުމެއް ނުލިބުމުން ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހަފްތާގެ ތިން ދުވަހު ބާއްވަންޖެހޭއިރު މިހާރު ޖަލްސާތައް ބާއްވަނީ ހަމައެކަނި ބުދަ ދުވަހުއެވެ. މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މިއަދު އެޖެންޑާ ކުރިނަމަވެސް، ކޯރަމް ހަމަނުވުމުން ޖަލްސާ ކުރިއަށް ގެންދެވިފައެއް ނުވެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވީ 11 މެންބަރުންނެވެ.