Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

ރައީސް ދ. މ. އަދި ވ. އަތޮޅަށް ފުރާވަޑައިގެންފި

ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މެދުރާއްޖެތެރޭގެ ތިން އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި ދ. އަތޮޅަށް ވަޑައިގެންފިއެވެ.

ރައީސް މުއިއްޒު ދ. މ. އަދި ވ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިހާރު ވަނީ ދ. ކުޑަހުވަދޫއަށް ވަޑައިގެންފައެވެ. މި ތިން އަތޮޅަށް ކުރައްވާ ދަތުރުފުޅަކީ ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް އޮފީހުން މިއަދު ބުނެފައިވަނީ މި ދަތުރުފުޅުގައި މި ތިން އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، ތިން އަތޮޅުގެ ވީހައި ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ތިން އަތޮޅުގެ އަތޮޅު ކައުންސިލާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް މުއިއްޒު ފަށްޓަވައިގެން މިހާރު ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްޤީގެ މަޝްރޫއުތައް ތަރުތީބު ކުރާނޭގޮތާއިމެދު މަޝްވަރާ ކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ރައިސް އޮފީހުން ބުނެފައިވަނީ ރައީސް މުއިއްޒު މިހާތަނަށް 121 ކައުންސިލަކާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.