ޑްރަގް ޓްރެފިކިން މައްސަލަތަކުގައި އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިތިބި 314 މީހަކަށް މިދިޔަ ސަރުކާރުން މައާފު ދީފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ އުމުރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިތިބި މީހުންގެތެރެއިން ކުރީ ސަރުކާރުން މާފުދީ ދޫކޮށްލާފައިވާ މީހުންގެ އަދަދު ބަލާފައިވާ ކަމަށެވެ.
އެގޮތުން ކުރީ ސަރުކާރުގެ ފަސް އަަހަރުތެރޭ، ޑްރަގް ޓްރެފިކް ކުރުމުގެ ކުށުގައި އުމުރަށް ޖަލަށްލާފައިތިބި 314 މީހަކަށް މައާފު ދީފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި މީހުންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވެނީ ފުލުހުންނާއި ޕްރޮސެކިއުޓަރުންގެ ވަރަށް ބުރަ މަސައްކަތުންކަން ފާހަގަކޮށް މިނިސްޓަރު އިހުސާން ވިދާޅުވީ ހުކުމެއް ސާބިތުވެފައި ވަނިކޮށް ކުށްވެރިން މިނިވަން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ މިފަދަ ކަންކަން ދިމާވުމަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.