Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

އައްޑޫ ނޭޗަ ޕާކަށް އަސްލަމް ބަގީއެއް ހަދިޔާކޮށްފި

ނޭޗަރ ޕާކަށް މެންބަރު އަސްލަމް ބާގީއެއް ހަދިޔާ ކުރެއްވުމުގެ ތެރެއިން / ފޮޓޯ: އައްޑޫސިޓީ ކައުންސިލް

އައްޑޫ ނޭޗަރ ޕާކުގައި ބޭނުމަށް ހިތަދޫ އުތުރު ދައިރާއިގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ބަގީއެއް ހަދިޔާ ކުރައްވައިފިއެވެ.

މި ބަގީ ނޭޗަރ ޕާކާއި ހަވާލުކޮށްފައިވަނީ އެ ތަނުގައި ބޭއްވި ރަސްމީއްޔާތެއްގައެވެ. އައްޑޫސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ހިންގަމުންދާ ނޭޗަރ ޕާކަށް ހަދިޔާ ކުރެއްވި ބާގީއާއި ހަވާލުވެލެއްވީ މޭޔަރ އަލީ ނިޒާރުއެވެ. މި ރަސްމީއްޔާތުގައި ނޭޗަރ ޕާކުގެ މުވައްޒަފުންނާއި ކައުންސިލަރުން އަދި އުތުރު ދައިރާއަށް ނިސްބަތްވާ ބައެއް އާންމު ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.


އައްޑޫސިޓީ ކައުންސިލުން ވަނީ މެންބަރު އަސްލަމްގެ މި ހަދިޔާ ބަލައިގަނެ އައްޑޫ ރައްޔިތުންގެ ނަމުގައި މަޖިލިސް ރައީސް ޝުކުރު ދަންނަވާފައެވެ.

އައްޑޫ ނޭޗަރ ޕާކުގައި ބޭނުން ކުރާ ބަގީތައް ހަލާކުވެ މަރާމާތު ނުކުރެވުމުގެ ސަބަބުން ބަގީގެ ޚިދުމަތް ގިނަ ފަހަރަށް ނުލިބެއެވެ. މީގެ އިތުރުންވެސް ނޭޗަރ ޕާކުގެ ބައެއް ޕްލެޓްފޯމްތައް މިހާރުވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، އެތަނުގަ މަރާމާތައް ބޮޑު ޚަރަދެއް ދާނެ ކަމަށް ބެލެވެއެވެ.