ބޮލީވުޑްގެ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ކުރިއަށް އޮތް ފިލްމު "ޕްރޭމް ކީ ޝާދީ" ކުޅޭނީ ސަލްމާން ޚާންގެ ބަދަލުގައި ޝާހިދު ކަޕޫރް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އަމިއްލަ ބައެއް ސަބަބުތަކާ ހެދި ސަލްމާން އެ ފިލްމުގައި ހިއްސާނުވާން ނިންމާފައިވާތީ ސޫރަޖް ދެން ބޭނުން ވަނީ ޝާހިދާ އެކީ އެ ފިލްމު ހަދަން ކަމަށެވެ. އެކަމަކު މިކަމާ ގުޅޭ ގޮތުން އަދި ރަސްމީކޮށް އެއްވެސް ބަހެއް ނެތެވެ.
ފާހަގަކޮށްލެވޭ ކަމަކީ ސޫރަޖާ އެކީ ޝާހިދު ކުރިން ވެސް މަސައްކަތްކޮށްފައިވާކަމެވެ. އެއީ 2006 ގެ "ވިވާ" ގަ އެވެ.
ސަލްމާނަކީ ސޫރަޖްގެ "ޑާލިން" އެވެ. ސަލްމާން ސްޓާރަކަށްވެގެން ދިޔައީ ސޫރަޖްގެ އަލަތު ޑައިރެކްޝަން 1989 ގެ "މޭނޭ ޕިޔާރު ކިޔާ" އިންނެވެ. އޭގެ ފަހުން އެ ދެ މީހުން އެކީގައި ގެނެސްދިން ފިލްމުތަކުގެ ތެރޭގައި 1994 ގެ "ހަމް އާޕް ކޭ ހޭ ކޯމް" އާއި 1999 ގެ "ހަމް ސާތު ސާތު ހޭ" ގެ އިތުރުން 2015 ގެ "ޕްރޭމް ރަތަން ދަން ޕާޔޯ" ހިމެނެ އެވެ.
ދެހާސް ބާވީހުގައި އަމީތާބް ބައްޗަނާ އެކީ "އޫޗާއީ" ގެނެސްދިން ސޫރަޖް ބުނެފައިވާ ގޮތުގައި އޭނަ ދެން ހަދާ ފިލްމު ކުޅޭނީ ސަލްމާނެވެ. އެކަމަކު އެ ޕްލޭނަށް މިހާރު ބަދަލު އައިސްފައިވާ ކަމަށް މީޑިއާތަކުން ބުނާތީ ގިނަ ބަޔަކު މިހާރު އަންނަނީ ސޫރަޖާއި އޭނަގެ އާއިލީ ފިލްމު ކުންފުނި، ރާޖްޝްރީ ޕްރޮޑަކްޝަންސް އިން އާ ފިލްމު އިއުލާން ކުރާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ.