Last Updated: April 29, 00:08
Sunday, April 28, 2024
ދުނިޔެ

ރޯދައަށް ކޮންމެހެން ވެސް ހަމަލާތައް މެދުކަނޑާލަން ޖެހޭ

އިޒްރޭލާއި ހަމާސް އިން ބަދަލުކުރަމުންދާ ހަމަލާތައް ކުރިއަށް އޮތް ރޯދަ މަހަށް ކޮންމެހެން ވެސް މެދުކަނޑާލަންޖެހޭ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ހަމަލާތައް މެދުކަނޑާލުމާ ގުޅޭ މަޝްވަރާތައް މިސްރުގެ ވެރިރަށް ގާހިރާގައި ކުރިއަށްދާއިރު، ބައިޑެން ވިދާޅުވީ ހަމަލާތައް މެދުކަނޑާލުމާ ގުޅޭ އެއްބަސްވުމަށް އިޒްރޭލުގެ ފަރާތުން އެއްބާރުލުން ލިބެމުންދާ ކަމަށާއި އެ އެއްބަސްވުމާ މެދު ވަކި ގޮތެއް ނިންމުން މިހާރު އޮތީ ހަމާސް ޖަމާއަތުގެ އަތް މަތީގައި ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެކަމުގެ ނަތީޖާ ފެންނަވަރު ވާނެ ކަމަށާއި ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމެއް ކޮންމެހެން ވެސް ބޭނުންވާ ކަމަށް ބައިޑެން ވިދާޅުވި އެވެ.

ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވާއިރު، އެ މަހުގައި ހަމަލާތައް ބަދަލުކުރުން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން އިޒްރޭލަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށްވެސް ބައިޑެން ވިދާޅުވި އެވެ.

ރޯދަ މަސް ފެށޭނީ މި މަހުގެ 10 ނުވަތަ 11 ގަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާ އިން 30،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.