Last Updated: May 5, 18:07
Sunday, May 5, 2024
ކުޅިވަރު

ބަޔާން އާއި ޕީއެސްޖީ ކުއާޓާ އަށް

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ލާޒިޔޯ 3-0 އިން ބަލިކޮށް ބަޔާން މިއުނިކް ކުއާޓާފައިނަލަށް ދަތުރުކުރިއިރު، ރެއާލް ސޮސިއެޑާޑް 2-1 އިން ބަލިކުރުމަށްފަހު ޕީއެސްޖީން ވެސް މުބާރާތުގެ ކުއާޓާ އަށް ދަތުރުކޮށްފި އެވެ.

ބަޔާން އާއި ލާޒިޔޯ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބު ކުރީ ލާޒިޔޯ އިންނެވެ. ބަޔާން ކުއާޓާ އަށް ދަތުރުކުރީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 36 ވަނަ މިނެޓްގައި ލާޒިޔޯގެ ފޯވާޑް ޗީރޯ އިމޯބިލޭ އަށް މުޅިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ. އޭގެ ދެ މިނެޓް ފަހުން ހެރީ ކޭން ވަނީ ބަޔާންގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ތޯމަސް މުލާ ވަނީ ބަޔާންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ދެވަނަ ހާފް ބަޔާނުން ޑޮމިނޭޓްކޮށްގެން ކުޅުނު އިރު މެޗުގެ 66 ވަނަ މިނެޓްގައި ކޭން ވަނީ ބަޔާންގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްދީފަ އެވެ.

ޕީއެސްޖީ ކުއާޓާ އަށް ދަތުރުކުރީ 1-4 ގެ އެގްރިގޭޓް ނަތީޖާ އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ޕީއެސްޖީގެ ދަނޑުގައި ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބު ކުރީ ޕީއެސްޖީންނެވެ.

ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޕީއެސްޖީގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ އެވެ. މި ދެ ގޯލާއެކު މިފަހަރުގެ މުބާރާތުގައި އޭނާ ޖެހި ގޯލުގެ އަދަދު ވަނީ ހަޔަކަށް އަރާފަ އެވެ. ސޮސިއެޑާޑްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މެރީނޯ އެވެ.

ކުއާޓާގައި ބަޔާން އާއި ޕީއެސްޖީ ބައްދަލުކުރަންޖެހޭ ޓީމެއް އެނގޭނީ މި މަހުގެ 15 ގައި ނަގާ ގުރުއަތުލުމުންނެވެ.