އައްޑޫގެ އަވަށްތަކުގައި އަޅާ ފުޓްސަލް ދަނޑުތަކުގެ ތެރެއިން މީދޫ ފުޓްސަލް ދަނޑުގައި އެ ކުންފުނީގެ ފަރާތުން ކުރަން ޖެހޭ މަސައްކަތް ނިންމާލައިފި ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ބުނެފި އެވެ.
އެމްއާރްޑީސީގެ އޮފިޝަލަކު ވިދާޅުވީ ރޭ މީދޫ ފުޓްސަލް ދަނޑުގެ ހުރިހާ ލައިޓް ތައް ހަރުކޮށް ނިމުމުން އެކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތްތައް އެއްކޮށް ނިންމާލެވުނީ ކަމަށެވެ.
މީދޫ ފުޓްސެލް ދަނޑުގައި އެމްއާރްޑީސީ އިން ކުރަން ޖެހޭ މަސައްކަތް ނިމުނު ނަމަވެސް އެތަނަށް ކަރަންޓް ލުމާއި ޑީބީ ފޮށި ހަރުކުރުމާއި މެޓް އެޅުމުގެ މަސައްކަތް އަދި ނުނިމޭ ކަން ފާހަގަކޮށްލެވެ އެވެ.
މެޓް އެޅުމުގެ މަސައްކަތް ނިންމައި މިދިޔަ އަހަރު ރަސްމީކޮށް ހުޅުވާފައި ވަނީ ފޭދޫ ފުޓްސަލް ދަނޑު އެކަންޏެވެ.
ސަރުކާރުން ހިންގާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 18 ރަށެއްގައި އެޅުމަށް ނިންމާފައިވާ 19 ފުޓްސަލް ދަނޑުގެ ތެރެއިން އައްޑޫގެ، މީހުން ދިރިއުޅޭ ހަ އަވަށުގެ ތެރެއިން ފަސް އަވަށެއްގައި ވަނީ ފުޓްސަލް ދަނޑު އަޅައިފަ އެވެ.
ނަމަވެސް މަރަދޫފޭދޫގަ ފުޓްސަލް ދަނޑެއް އަޅާފައެެއް ނުވެއެވެ.
އައްޑޫގެ އިތުރުން ތ.ވިލިފުށި، ފުވައްމުލަކާއި ގއ. ވިލިނގިލީގައި އަޅާ ދަނޑުގެ މަސައްކަތް ވެސް ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްއާރްޑީސީ އާ އެވެ.
