Last Updated: May 5, 21:32
Sunday, May 5, 2024
ކުޅިވަރު

ކުއާޓާ އިން ސިޓީ އާއި ރެއާލުން ޖާގަ ހޯދައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީން ޖާގަ ހޯދައިފި އެވެ.

ފުރަތަމަ ލެގުން ވެސް މޮޅުވި ސިޓީން ވަނީ ދެވަނަ ލެގުގައި ވެސް ކުރި ހޯދާފަ އެވެ. ދެވަނަ ލެގުން ސިޓީން ޑެންމާކުގެ ކޮޕަންހޭގަން ބަލިކުރީ 3-1 އިންނެވެ. ފުރަތަމަ ލެގުން މޮޅުވި ރެއާލް ދެވަނަ ލެގުގެ މެޗުން ވީ އެއްވަރެވެ. ޖަރުމަނުގެ ރެޑްބުލް ލީޕްޒިގް އަތުން 1-1 އިން އެއްވަރުވި ނަމަވެސް ރެއާލް ކުއާޓާ އިން ޖާގަ ހޯދީ 2-1 ގެ އެގްރިގޭޓް ނަތީޖާ އިންނެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 10 މިނެޓްތެރޭ އެޓީމުން ވަނީ ދެ ގޯލު ކާމިޔާބުކޮށްފަ އެވެ. މި ދެ ގޯލު ސިޓީ އަށް ކާމިޔާބުކޮށްދިނީ މަނުއަލް އަކަންޖީ އާއި ޖޫލިއަން އަލްވަރޭޒް އެވެ. ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އާލިން ހާލަންޑް އެވެ. ހާލަންޑް ވަނީ ޗެމްޕިއަންސް ލީގުގައި ކުޅުނު 37 މެޗުގައި 41 ގޯލު ކާމިޔާބުކޮށްފަ އެވެ. ކޮޕަންހޭގަންގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އެލް ޔުނީސީ އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ 65 ވަނަ މިނެޓްގައި ވިނީޝަސް ޖޫނިއާ ވަނީ ރެއާލަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް އޭގެ ތިން މިނެޓް ފަހުން ވިލީ އޯބަން ވަނީ ލީޕްޒިގަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ލީޑު ނަގަން މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލީޕްޒިގްގެ ޑެނީ އޮލްމޯ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ކުއާޓާގައި ރެއާލް އާއި ސިޓީ ބައްދަލުކުރަންޖެހޭ ޓީމެއް އެނގޭނީ މި މަހުގެ 15 ގައި ނަގާ ގުރުއަތުލުމުންނެވެ.