Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

22 އަހަރު ފަހުން އަނޫޕަމް ޑައިރެކްޝަނަށް

ފުރަތަމަ ފިލްމު ޑައިރެކްޓްކުރިތާ 22 އަހަރު ފަހުން އިންޑިއާގެ ހުނަރުވެރި އެކްޓަރު އަނޫޕަމް ކޭރް ދެވަނަ ފިލްމެއް ޑައިރެކްޓްކުރަން އިއުލާންކޮށްފި އެވެ.

މިއަދު ފާހަގަކުރަމުން އަންނަ އޭނަގެ 68 ވަނަ އުފަން ދުވަހާ ދިމާކޮށް އިއުލާންކުރި ފިލްމަކީ "ތަންވީ ދަ ގްރޭޓް" އެވެ. ބަތަލާ ކިރަންގެ ކޭރްގެ ފިރިމީހާ، އަނޫޕަމްގެ އަމިއްލަ ފިލްމު ސްޓޫޑިއޯ އިން ޕްރޮޑިއުސް ވެސް ކުރާ މި ފިލްމުގެ ޝޫޓިން މާދަމާ ފަށަން ވަނީ ނިންމައިފަ އެވެ. އެކަމަކު "ތަންވީ ދަ ގްރޭޓް" ގެ ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.

މިހާތަނަށް 540 އަށް ވުރެ ގިނަ ފިލްމުތައް ކުޅެފައިވާ ތަޖުރިބާކާރު އެކްޓަރުގެ އަލަތު ޑައިރެކްޝަނަކީ 2002 ގެ ޑްރާމާ ފިލްމު "އޯމް ޖޭ ޖަގްދިޝް" އެވެ. އެ ފިލްމުގެ ކާސްޓުންނަކީ އަނިލް ކަޕޫރް، އުރްމިލާ މަޓޯންޑްކަރް، އަބީޝެކް ބައްޗަން، މަހީމާ ޗައުދަރީ، ފަރުދީން ޚާން އަދި ތާރާ ޝަރުމާ އެވެ. މީގެ ރޯލެއް ކުރީގެ މަޝްހޫރު ބަތަލާ ވަހީދާ ރަހުމާން ވެސް ކުޅުނެވެ.

ޖުމްލަ 2 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި ޖުލައި 19، 2002 ގައި ރިލީޒްކުރި "އޯމް ޖޭ ޖަގްދިޝް" އަކީ ބޮކްސް އޮފީހުގައި 7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމެވެ.

ދެވަނަ ޑައިރެކްޝަންގެ އެންމެ ފަހުގެ ތައްޔާރީތައް ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އަނޫޕަމް ވަމުން އަންނަ އިރު، އޭނަ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި "ކުޗް ކައްޓާ ހޯޖާ އޭ" އިންނެވެ.