ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެކްލީން ފެނަންޑޭޒް މުމްބާއީގައި ދިރިއުޅެމުން އަންނަ އެޕާޓްމަންޓް ހުންނަ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިންގައިފި އެވެ.
މީޑިއާތަކުން ބުނީ ވެސްޓް ބަންޑްރާގެ ޕާލީ ހިލް އޭރިގައި ހުންނަ 17 ބުރީގެ ފްލެޓް އިމާރާތުގެ 13 ވަނަ ބުރީގައި އަލިފާންގެ ހާދިސާއެއް ހިނގީ ރޭ 8:00 އެހާކަށްހާ އިރު އެވެ. އަލިފާން ރޯވީ 13 ވަނަ ބުރީގެ އެޕާޓްމަންޓެއްގެ ބަދިގޭގައ ކަމަށާއި މި ހާދިސާއެއްގައި އެއްވެސް މީހަކަށް އަދި ތަނަށް ވެސް ބޮޑު ގެއލުމެއްވެފައި ނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
ނަމަވެސް މި ހާދިސާ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ލަގްޒަރީ އެޕާޓްމަންޓްތަކެއް އެކުލެވޭ "ނަވްރޯޖް ހިލް ސޮސައިޓީ" އިން ޖެކްލީން އެޕާޓްމަންޓެއް ގަނެ، އެތަނަށް ދިރިއުޅުން ބަދަލުކުރީ މިދިޔަ އަހަރު އެވެ. ސްރީ ލަންކާ އަށް ނިސްބަތްވާ ޖެކްލީން އަކީ މިހާރު ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެެއް ބަތަލާ އެވެ.
"ކިކް" އާއި "ރޭސް 2" އާއި "ހައުސްފުލް 3" އަދި "ޖުޅުވާ 2" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ 38 އަހަރުގެ ބަތަލާ ބޮލީވުޑަށް ނުކުތީ 2009 ގެ "އަލައްދިން" އިންނެވެ.