ސްރީ ލަންކާގެ ރައީސްގެ މަގާމު ގެއްލުމާ ގުޅޭ ގޮތުން އެ ގައުމުގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ލިޔުއްވި ފޮތެއް މިއަދު ނެރެފި އެވެ.
އިނގިރޭސި އާއި ސިންގަޅަ ބަހުން މިއަދު ބާޒާރަށް ނެރުނު ފޮތަށް ކިޔަނީ "ދަ ކޮންސްޕިރަސީ ޓު އައުސްޓް މީ ފްރޮމް ދަ ޕްރެސިޑެންސީ" އެވެ. މި ފޮތުގައި ގޮޓަބަޔާ އެންމެ ބޮޑަށް ތުހުމަތު ކުރައްވާފައިވާ ގޮތުގައި އޭނަ ވެރިކަމުން ދުރުކުރީ ބޭރު ދުނިޔޭގެ ނުފޫޒާ ވެސް އެކީގަ އެވެ. އަދި މިއީ ލަންކާގެ ޑިމޮކްރަސީ އަށް މަލާމާތްކުރުން ކަމަށް ސިފަކުރައްވާފައިވެ އެވެ.
ގޮޓަބަޔާ އަކީ 2022 ގައި ލަންކާ އަށް ކުރިމަތިލާން ޖެހުނު އަދި އިގުތިސާދީ ބޮޑުތަދުގެ ފިއްތުންތަކާ ހެދި މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތް ބޭފުޅެކެވެ. އެގޮތުން އެ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ރައީސްކަމުން އިސްތިއުފާ ދެއްވަން ހަމަޖެހިފައި ވަނިކޮށް އެ ދުވަހުގެ މެންދަމުގެ ވަގުތެއްގައި އޭނަ ފިއްލަވައިގެން އަސްކަރީ ޖެޓެއްގައި ރާއްޖެ ވަޑައިގެންނެވި އެވެ. އެއީ އަނބިކަނބަލުންނާއި ދެ ބޮޑީގާޑަކާ އެކީގަ އެވެ.
އޭގެ ފަހުން ސިންގަޕޫރަށް ޖުލައި 14 ގައި ވަޑައިގެން އިސްތިއުފާ ވެސް ދެއްވީ އެ ދުވަހު އެ ގައުމުގައި ހުންނަވަ އެވެ. ސިންގަޕޫރްގައި ހުންނެވުމަށް ފަހު އޮގަސްޓް 11، 2022 ވަނަ ދުވަހު ގޮޓަބަޔާ ތައިލޭންޑަށް ވަޑައިގަތެވެ. އަދި އޭނަ އެނބުރި އަލުން ލަންކާ އަށް ވަޑައިިގެންނެވީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެވެ.
ގޮޓަބަޔާ އަށް ލަންކާ ރައްޔިތުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވެފައިވާ އިރު، ވެރިކަމުގައި ހުންނެވި އިރު ހިންގެވި ކޮރަޕްޝަންގެ އަމަލުތަކަށް އޭނާގެ މައްޗަށް ދައުވާކޮށް، އަދަބު ދޭން ވެސް ގިނަ ބަޔަކު ގޮވާފައިވެ އެވެ.
ގޮޓަބަޔާ އަކީ ލަންކާގެ އެންމެ ނުފޫޒު ގަދަ ސިޔާސީ އާއިލާ ކަމަށްވާ ރާޖަޕަކްސަ އާއިލާގެ މެންބަރެކެވެ. އޭނަ އަކީ ލަންކާގެ 8 ވަނަ ރައީސެވެ. ގޮޓަބަޔާ ރައީސްކަމަށް ވަޑައިގެންނެވީ 2019 ގަ އެވެ. އޭގެ ކުރިން އޭނަ މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.