ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ލޯކަލް ޓުއަރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީން ވަކި އިންސައްތައެއް އެ ރަށެއްގެ ކައުންސިލަށް ލިބޭގޮތަށް ޤާނޫނުތަކަށް އިސްލާޙް ހުށަހަޅަން ގަސްދުކުރައްވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވ. ކެޔޮދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަށެއްގެ ރައްޔިތުންނަށް ސީދާ މަންފާ ލިބޭނީ ރަށެއްގެ ކައުންސިލުތައް ބާރުވެރިކޮށްކަމަށެވެ. އެގޮތުން ކައުންސިލްގެ އާމްދަނީ އިތުރުކުރެވެން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ސަރުކާރަށް ވެސް ފަސޭހަތަކެއްވާނެ ކަމަށެވެ.
ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމުގެ ވާހަކައިގެ ތެރެއިން ރައީސް މުއިއްޒު ވިދާޅުވީ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީން އިންސައްތައެއް ކައުންސިލުތަކުގެ އާއްމުދަނީއަށް އިތުރު ކުރުމަށް ލާމަރުކަޒީ ގާނޫނާއި ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށަހަޅަން ގަސްދުކުރާ ކަމަށެވެ.
މީގެއިތުރުން ރަށެއްގައި ހިންގާ އެހެން އިތުރު މަސައްކަތަކުން ލިބޭ އާއްމުދަނީން ވަކި އިންސައްތައެއް މީރާއަށް ޖަމާކުރުމުގެ ބަދަލުގައި އެ ފައިސާ ސީދާ ކައުންސިލުތަކަށް ލިބޭނެ ގޮތް ހަދަން ވެސް ޤާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ކެޔޮދޫގެ ތަރައްގީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކެޔޮދޫ ބިންހިއްކުމުގެ މަޝްރޫއު މިއަހަރު ކުރިޔަށް ގެންދަވާނެ ކަމަށެވެ. އަދި ކުނިމެނޭޖްކުރުމުގެ ބޮޑު މަޝްރޫއުގެ ތެރެއިން ކެޔޮދޫއަށް ވެސް ސަމާލުކަންދެއްވާނެކަށް ވިދާޅުވިއެވެ. މީގެއިތުރުން ސްކޫލުގެ އިމާރާތާއި ކުޑަކުދިންގެ ޕާކް އަދި ބަނދަރާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.