Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ފިތުނަ އުފައްދަން ކުރާ މަސައްކަތަށް ޖާގަ ނުދެއްވާ

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ފިތުނަ އުފައްދައި ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް ޖާގަ ނުދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ކ. ގުރައިދޫގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުން އެދޭގޮތަށް ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ހިއްކެން އޮތް އެންމެ ރަނގަޅަށް، ރައްޔިތުން އެދޭގޮތަށް އެކަން ކޮށް ނިންމައިދޭނެ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ ބިން ހިއްކުމާ، ބިން އާރާސްކުރުމަށް ބޭނުންވާ ކަންކަން އެގޮތުން ފެން، ނަރުދަމާ ކަރަންޓް ހިމެނޭގޮތަށް މަސައްކަތް ފުރިހަމަ ކޮށްދެއްވާނެ ކަމަށެވެ.

ކ. ގުރައިދޫގައި އަސާސީ ބައިވަރު ކަންކަން ފުރިހަމަކުރަން ހުރިކަން ފާހަގަކޮށް ރައީސް މުއިއްޒު ވިދާޅުވީ ސްކޫލުގެ ޖާގަ އިންތިހާއަށް ކުޑަ ކަމަށާއި، މަދުވެގެން 20 ކްލާސްރޫމް އަދި މަލްޓިޕާޕާސް ހޯލް ހިމެނޭހެން ބޮޑު ސްކޫލެއްގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށެވެ. ގުރައިދޫ ނަރުދަމާގެ މުޅިން އާ ނެޓްވޯކެއް އަޅަންޖެހޭކަން ފާހަގަކޮށް ވިދާޅުވީ އެ މަސައްކަތް ވީހާވެސް އަވަހަށް ކުރެވޭނެ ގޮތަށް ބަޖެޓް ހަމަޖައްސައިދިނުމަށް މިހާރު އެދިވަޑައިގެންފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި މި ދާއިރާގެ ރައްޔިތުން ސަރުކާރަށް ދެވެން އޮތް އެއްބާރުލުމެއް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މަސައްކަތް ކުރަން ބޭނުންވަނީ ރައްޔިތުންނާ ގާތުން އަވަސް ސްޕީޑެއްގައި ކަމަށާއި، ކައުންސިލަށްވެސް ބާރުވެރިކަން ދޭން ބޭނުންވަނީ އެ ބޭނުމުގައި ކަމަށެވެ. އެގޮތުން މީރާއަށް ވަންނަ ޓެކްސް ފައިސާގެ ތެރެއިން ބައެއް ކައުންސިލްތަކަށް ދިނުމަކީ ހަގީގަތުގައި ރައްޔިތުން ބާރުވެރިކުރުވުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ. އެފަދައިން ކަންކުރުމުން އެ ކައުންސިލަކުން އެ ކައުންސިލެއްގެ ފެންވަރުގައި އެ ރަށެއްގައި ކުރެވޭނެ މަސައްކަތްތައް ކުރަން ފަށާނެ ކަމަށާއި، އެގޮތުން ކުދި އިގްތިސާދީ މަސައްކަތް އަދި އާމްދަނީ އިތުރުކުރުވޭނެ މަސައްކަތް ފެށުމަށް ފުރުސަތު ލިބޭނެ ކަމަށާއި އަދި މަރާމާތު ކުރުން ފަދަ ކަންކަން ކުރެވޭނެ ކަމަށެވެ. މިހާރު ވަކި ފޯމިއުލާއެއްގެ ދަށުން ކައުންސިލްތަކަށް ދެނީ ވަކި ބްލޮކް ގްރާންޓެއްކަން ފާހަގަކޮށް ރައިސް މުއިއްޒު ވިދާޅުވީ އެކަމަށް އިސްލާހު އަންނަންޖެހޭ ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ 5 ޕަސެންޓަކީ އޭގެން މުސާރަ ހަމަޖައްސާ އެއްޗެއްގެ ބަދަލުގައި އެ ކޮމިޓީން ކުރަން ބޭނުންވާ ކަންކަން ކުރެވޭނެ ގޮތް ހަދަން ޖެހޭކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިވާހަކަވެސް އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާ ކަމަށެވެ. އެގޮތުން މިގޮތަށް ހަދަން އުޅެނީ ބްލޮކް ގްރާންޓް ކުޑަ ކޮށްލަންކަމަށް ތުހުމަތު ކުރަމުންދާކަން ފާހަގަ ކުރެއްވިއެވެ. ރައީސް މުއިއްޒު ވަނީ މިގޮތަށް ކަންކަން އޮޅުވާލައި ފިތުނަ އުފެއްދުމަށް ކުރާ ކަންކަމަށް ރައްޔިތުން ފުރުސަތު ނުދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

"އަޅުގަނޑު ހިތަށްވެސް ނާރާ، ނުވެސް ވިސްނާކަމެއް، އަޅުގަނޑުމެން ސާފުކޮށް ދެފުށް ފެންނަގޮތަށް ރައްޔިތުން ކުރިމަތީގައި ލައިވްކޮށް މިވާހަކަތައް މި ދައްކަނީ. ހަމަ ދައްކާފަގޮސް ނިމޭއިރުގައި ވާހަކަ އެހެން ގޮތަކަށް ވިސްނަދޭން ކުރާ މަސައްކަތަށް ޖާގަ ނުދެއްވަވާ." ރައީސް ވިދާޅުވިއެވެ.

ރައިސް ވިދާޅުވީ ކުރަން ބޭނުންވާ ކަންކަން ކުރެވެން އޮތީ ޤާނޫނުތަކަށް ބަދަލުގެނެސްގެން ކަމަށާއި އެކަމަށް އެކުގައި މަސައްކަތްކުރާނެ ބަޔަކު މަޖިލީހަށް ހޮވަންޖެހޭ ކަމަށެވެ. މިވީ 4 މަސް ތެރޭގައި މަޖިލީހުން ކަންކުރިގޮތް ފެނިފައިވާ ކަމަށާއި އެހެންކަމުން އެކަން ތަކުރާރު ކުރުމަށް ފުރުސަތު ނުދިނުމަށް އެދިވަޑައިގަތެވެ.