Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ރައީސް މުއިއްޒަށް އިތުރު ދައުރެއް ހޯދައި ދޭނަން

އަމާޒު ހިފާފައި ތިބީ 10 އަހަރު މިރާއްޖޭގެ ވެރިކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބެހެއްޓުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކ. ގުރައިދޫއަށް ރައީސް މުއިއްޒު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ކުރީގެ ނައިބުރައީސް މުހައްމަދު ޖަމީލް އަހުމަދަށް ބަހުގެ ހަމަލާތައް ރައްދުކޮށްފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއާއެކު އެއް ޓިކެޓެއްގައި އެމަނިކުފާނުގެ ނައިބުރައިސްގެ ގޮތުން ހޮވިވަޑައިގެން ވެރިކަމަށް 4 ވަރަކަށް މަސް ނުވަނީ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ބަޣާވާތް ކުރަން އުޅުނު ދުވަސްވަރުވެސް ދެކިފައިވާ ކަމަށް ވިދާޅުވިއެވެ.

"އަމިއްލައަށް ވީޕީސް އެމްޕީސް ގްރޫޕު ހަދައިގެން، ރިސޯޓްތަކަށް ވަޑައިގެން ސައްލާކޮށް، މަސްދަތުރުގޮސް މަޖިލިސްކޮށް ހެދި މަންޒަރު އަޅުގަނޑުމެން މިތިބީ ވަރަށް ގާތުން ދެކިފައި."

އަބްދުއްރަހީމް ވިދާޅުވީ އެ ބޭފުޅުން އޭރު ރައިސް ޔާމީނަށް ނަމުންގޮވާ ވެރިކަން ބަދަލުކުރުމަށް ދެއްކި ވާހަކަތައް އަދިވެސް ފެންނަން އެބަހުރި ކަމަށާއި، އޭގެފަހުން އެބޭފުޅުން ގެނައި ވެރިކަމަށް ތިން މަސް ނުވަނީސް އެ ވެރިކަންވެސް ކަމު ނުގޮސްގެން އެ ވެރިކަންވެސް ބަދަލުކުރުމަށް ނިކުތް ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އެފަދަ މީހުން ދައްކާ ވާހަކައަށް ރައްޔިތުން ހެއްލިގެން ނުވާނެ ކަމަށެވެ. އަދި އެމީހުން ދައްކާނީ އެއިރަކު އެމީހުންނަށް ބޭނުންވާ ވާހަކައެއް ކަމަށާއި ގައުމަށް ފައިދާހުރި ވާހަކައެއް ދައްކާ ނުޅޭނެކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން ދައްކާ ވާހަކަތަކާމެދު ރައްޔިތުން ވިސްނަންޖެހޭ ވަގުތު އައިސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ދިވެހިންގެ މިހާ ތަނަވަސް އަޣުލަބިއްޔަތަކުން ވެރިކަމެއް ގާއިމުކުރީމާ، އެވެރިކަން ރަނގަޅަށް ހިނގައިނުގަނެގެން ފިރުކި ނުގަނެގެން އުޅެނިކޮށް އެ ވެރިކަން ވައްޓާލަންވެގެން ގްރޫޕު ހަދަހަދާފައި ބޮނޑިބަތް ކައްކައިގެން ކުރާ ސައްލާއަށް ތިބޭފުޅުން ޖާގަ ނުދެއްވާށޭ." އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ބިނާކުރަން މި އުޅޭ ރާއްޖެ އިރާދަކުރެއްވިއްޔާ 10 އަހަރުން އަޅުގަނޑުމެން ބިނާކުރާނެ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ހިތްދަތިވާ ބަޔަކު ހިތްދަތިވިޔަސް، އަމާޒު ހިފާފައިތިބީ 10 އަހަރު ރައީސް މުއިއްޒަށް މި ގައުމުގެ ވެރިކަންކުރަން ފުރުސަތު ހޯދައިދޭން ކަމަށެވެ.

ފަސް އަހަރު ދުވަހަކުން މިއަދު މި ގައުމު ވެއްޓިފައި މި އޮތް އަނދަވަޅަކުން އަރައެއް ނުގަނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ސަރުކާރަށް އިތުރު ފަސް އަހަރު ދޭންޖެހެނީ ރައްޔިތުންގެ ކަންކަން ފުއްދުމަށްޓަކައި ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށްޓަކައި ރައީސް ހާއްސަ އިސްކަމެއްދެއްވާ ކަމަށެވެ.