Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

އައްޑޫގެ ތަރައްގީ އަށް އެމްޑީޕީ މެންބަރުން ހޮވަން ޖެހޭ

އައްޑޫސިޓީއަށް ތަރައްޤީ އަންނަކަން ކަށަވަރުކުރުމުގައި އެމްޑީޕީ އަބަދުވެސް ދެމި އޮންނާނެކަމަށާއި، އެކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ގޮނޑިތައް އެމްޑީޕީއަށް ހޯދަން ޖެހޭކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް އައްޑޫސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޝާހިދު މިހެން ވިދާޅުވީ އައްޑޫ މީދޫ އަދި ހުޅުދޫ ގައި މިއަދު އެމްޑީޕީ ކެމްޕޭން ޓީމްތަކާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ ސަރުކާރުން ރައްޔިތުންނަށް ކުރަން ޖެހޭ ޚަރަދުތައް ނުކޮށް، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ސިޔާސީ ބޭނުންތަކަށް ފައިސާ ޚަރަދުކުރަމުންދާދިއުަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މަސްވެރިންނަށް 48 ގަޑިއިރުތެރޭ ޑޮލަރުން ފައިސާދޭން ބުނި ސަރުކާރަށް ދިވެހި ރުފިޔާއިންވެސް ފައިސާ ނުދެވޭއިރު، މަސްވެރިން އަތުން ނެގި މަސްކޮޅަށް ވީގޮތެއް، އެވިއްކައިގެން ލިބުނު ފައިސާއަށް ވީ ގޮތެއްވެސް ސަރުކާރަށް ބުނެ ނުދެވުނުކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އެފައިސާ ބޭނުންކުރަނީ ސިޔާސީ މަގާމުތަކުގެ މުސާރައާއި ވަޒީރުންގެ ކާރުކޮޅުގަތުންފަދަ ކަންކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އައްޑޫސިޓީގެ ތަރައްގީގެ މަސައްކަތް ހުއްޓިފައިވާ މައްސަލައިގައިވެސް ޝާހިދު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އައްޑޫސިޓީގެ ތަރައްގީގެ މަޝްރޫއުތައް އެމްޑީޕީ ސަރުކާރުން ފައްޓާފައިވަނިކޮށް، މި ސަރުކާރުން އެމަސައްކަތް ހުއްޓުވައި، އެއްވެސް ތާކުންތާކު ނުޖެހޭ ކަންތައްތަކެއް މަޝްރޫއުތަކެއްގެ ގޮތުގައި ދައްކަން މަސައްކަތްކުރާކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ އައްޑޫގެ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހަންކެޑެއާއި އެނޫން މަޝްރޫއުތައް ހުއްޓިއްޖެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން އެމްޑީޕީން ފޯރިއާއެކު އެކި ރަށްރަށުގައި ކުރިއަށްގެންދާއިރު ޝާހިދު އައްޑޫއަށް ވަޑައިގެންފައިވަނީ ފުވައްމުލަކުގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދެވުމަށްފަހުއެވެ. 20 ވަނަ މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނީ 326 ފިރިހެން އަދި 42 އަންހެން ކެންޑިޑޭޓުންނެވެ. 20 ވަނަ މަޖިލީހަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ. އެމްޑީޕީން އިންތިހާބުގައި ވާދަކުރަނީ 90 ކެންޑިޑޭޓުންނެވެ.