ރިލީޒް ނުކުރެވި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ ދޭވްގަންގެ ފިލްމު "މައިދާން" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
މި އަހަރުގެ ފިތުރު އީދުގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ މި ފިލްމަކީ އިންޑިއާގެ މި ޒަމާނުގެ ފުޓްބޯޅައިގެ ބައްޕަގެ ގޮތުގައި ސިފަކުރާ ކުރީގެ ކޯޗް، ސައީދު އަބްދުލް ރަހްމާންގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާއެކެވެ. "މައިދާން" ގައި އަޖޭ ކުޅެފައި ވަނީ ސައީދުގެ ރޯލެވެ. ބޯނީ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ ފިލްމު ޑައިރެކްޓްކުރީ 2018 ގެ ކާމިޔާބު ފިލްމު "ބަދާއީ ހޯ" ގެނެސްދިން އަމިތު ޝަރުމާ އެވެ.
"މައިދާން" ގެ ކާސްޓްގައި ޕްރިޔަމަނީ، ގަޖްރާޖް ރާއި ރުދްރަނިލް ގޯޝްއާ އެކީ ބޮޑު ކާސްޓެއް ހިމެނެ އެވެ. އޭރްއާރް ރަހުމާން މިއުޒިކް ތައްޔާރުކޮށްފައިވާ މި ފިލްމު އަންނަ މަހުގެ 10 ގައި ސިނަމާތަކަށް ދޫކޮށްލަން ނިންމާފައިވާ އިރު، އަޖޭގެ ސުޕަނެޗްރަލް ތުރިލާ "ޝައިތާން" މާދަމާ ސިނަމާތަކަށް އަންނާނެ އެވެ.
"މައިދާން" އަކީ އެންމެ ފުރަތަމަ 2020 ގައި ރިލީޒްކުރަން ޕްލޭންކުރި ފިލްމެކެވެ. ނަމަވެސް ފިލްމުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔައީ އެ އަހަރު ކޮވިޑްގެ ވަބާއާ ކުރިމަތިލާން ޖެހި، ދިމާވި އެކިއެކި ސަބަބުތަކާ ހެދި އެވެ. ބޯނީ ބުނެފައިވާ ގޮތުގައި "މައިދާން" އަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ އަޖޭގެ ވަރަށް މޮޅު އެކްޓިންއެއް ފެންނާނެ ފިލްމެކެވެ.