Last Updated: July 15, 18:06
Thursday, July 16, 2026
ދުނިޔެ

ރުޕަޓް މާޑޮކް ހަ ވަނަ ފަހަރަށް އެންގޭޖްވެއްޖެ

މިދިޔަ އަހަރު ލެސްލީ ސުމިތު ކިޔާ މީހަކާ އެންގޭޖްވިތާ މަހެއްހާ ދުވަސް ފަހުން އެ އެންގޭޖްމަންޓް ރޫޅުނު އޮސްޓްރޭލިއާ އަށް އުފަން އެމެރިކާގެ މަޝްހޫރު މަހުޖަނު ރުޕަޓް މާޑޮކް އަލުން އެހެން މީހަކާ އެންގޭޖްވެއްޖެ އެވެ.

މީޑިއާތަކުން ބުނީ މިހާރު އުމުރުން 92 އަހަރުގެ މާޑޮކްގެ އާ ބައިވެރިޔާ އަކީ ރަޝިއާ އަށް ނިސްބަތްވާ، ކުރީގެ މޮލެކިއުލާ ބައޮލޮޖިސްޓެއް ކަމަށްވާ އެލީނާ ޒުކޯވާ، 67، ކަމަށެވެ. އެ ދެ މީހުން އެންގޭޖްވުމަށް ފަހު، މި އަހަރުގެ ތެރޭގައި ކައިވެނި ކުރަން ވެސް ޕްލޭންކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

މިއީ މާޑޮކްގެ ހަ ވަނަ އެންގޭމަންޓެވެ. އޭނަގެ ހަ ކުދިން ތިބެ އެވެ. އެއީ ދެ ފިރިހެން ކުދިންނާއި ހަތަރު އަންހެން ކުދިންނެވެ. މާޑޮކްގެ އެންމެ ދޮށީ ދަރިފުޅަށް 66 އަހަރެވެ. އަދި ހަގު ދަރިފުޅަށް 21 އަހަރެވެ.

މާޑޮލް އާއި ލެސްލީ، 67، މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެންގޭޖްވުމަށް ފަހު، އެންގޭޖްމަންޓް ރޫޅައިލީ އެ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އެންގޭޖްވި އިރު އޮތީ، ކައިވެނި ކުރަން ވެސް ޕްލޭންކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މާޑޮކް އާއި އެލީނާ ރައްޓެހިވީ، ލެސްލީއާ ރުޅިވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. އަދި މާޑޮކް އެލީނާ ދިމާވީ، އޭނަގެ ކުރީގެ އަންބެއް ކަމަށްވާ ޗައިނާގެ ވިޔަފާވެރިޔާ ވެންޑީ ޑެންގް ބޭއްވި ޕާޓީއެއްގެ ތެރޭގައި ކަމަށްވެ އެވެ.

ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މާޑޮކް އާއި އެލީނާ ކައިވެނި ކުރަން ޕްލޭންކޮށްފައި ވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެލީނާ ކުރިން ކައިވެނިކޮށްގެން އުޅުނީ ރަޝިއާގެ މަހުޖަނު އެލެގްޒެންޑާ ޒުކޯވްއާ އެވެ. އެ ދެ މީހުންނަށް އަންހެން ދަރިޔަކު ވެސް ލިބިފައިވެ އެވެ.

މާޑޮކް އެންމެ ފަހުން ކައިވެނިކުރީ 2016 ގައި ކުރީގެ މޮޑެލް ޖެރީ ހޯލްއާ އެވެ. އެ ކައިވެނި ރޫޅުނީ 2022 ގަ އެވެ.