Last Updated: April 24, 23:11
Wednesday, April 24, 2024
ރިޕޯޓް

ގުޅީ އީސާ ކަލޭފާނު ފެލައިލި ގޮތް

ވެރިން އަނިޔާވެރިވެގެންފިނަމަ ގުޅީ އީސައާއި މާމިގިލީ ކާސިމު ތަފާތެއް
ނުވާނެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަހަކަށް އައިސް ދޭތެރެ
ދޭތެރޭން ވިދާޅުވާ ވާހަކައެއް އޮވެއެވެ. އެމަނިކުފާނު ނެތިކޮށްލައި
ވިޔަފާރި ބަނގަރޫޓުކޮށްލުމުގެ ވިސްނުން ބަޔަކު ގެންގުޅޭ ކަމަށް އިޝާރާތް
ކުރައްވަމުން ގާސިމް ވިދާޅުވަނީ ގުޅީ އީސާކަލޭގެފާނަށް ހެދިގޮތް
ހަދާލާނަމޭ ބުނެ އެމަނިކުފާނަށް ވަރަށް ގިނައިން އިންޒާރު ލިބެމުންދާ
ކަމަށެވެ. މިހާރު މާލޭގައި ކުރިއަށްދާ އެއްވުންތަކުގެ ކުރީދުވަސްކޮޅުގައި
ވެސް ދެ ރެޔަކު ގާސިމް މިވާހަކަ ވިދާޅުވިއެވެ.

ގާސިމަށް މި އިންޒާރު ދެނީ ކޮންބައެއް ބާވައެވެ؟ މި އިންޒާރަކީ
ހަގީގަތުގައި މިއަދު އުފަންވި އިންޒާރެއް ނޫނެވެ. މިއީ ތަންކޮޅެއް
ކުރީގައި އުފަންވި އިންޒާރެކެވެ. މިއީ ރައީސް އަބްދުﷲ ޔާމީން ދެއްވި
އިންޒާރެކެވެ. ވެރިކަން ލިބިވަޑައިގަތުމުގެ މާކުރީގައި އެންމެ ފުރަތަމަ
ދެއްވި އިންޒާރެކެވެ. ފަހުން މި އިންޒާރު ތަކުރާރުވަމުން އައިސް
ލުނބޮޔަކުން ހުތް ފެލާލައި ހުސް ތޮށިގަނޑަކަށް ހަދައިލާނަމޭ ބުނުންވެސް
މީގެ ތެރެއަށް ވަނީ އިތުރުވެފައެވެ. ސަރުކާރަށް ނިސްބަތްވާ ވަރަށް ގިނަ
ބޭފުޅުންގެ އަނގައިން މި އިންޒާރު ބޭރުވެއެވެ. އަޅުގަނޑުވެސް އަޑު
އަހަމެވެ.

ގުޅީ އީސާކަލޭގެފާނަކީ ކާކު ބާވައެވެ؟ އެއީ މާލެ އަތޮޅު ގުޅިއަށް އުފަން
މީހެކެވެ. އަމިއްލަ މަސައްކަތުން ކުރިއަރައި ތަންވަސްކަން ހޯދި މީހެކެވެ.
ރާއްޖޭގެ އިގްތިސާދުގެ މައްޗަށް ވޯރާ ވިޔަފާރިވެރިން އަތްގަދަކޮށްގެން
ތިބި ދުވަސްވަރު ދިވެހިންގެ ތެރެއިން ވިޔަފާރީގެ އެންމެ ކުރީ ސަފުގައި
ހުރީ އީސާ ކަލޭގެފާނެވެ. ވިޔަފާރީގެ އިތުރުން ފެލިދެއަތޮޅު
އަތޮޅުވެރިކަމާއި، ރައްޔިތުން މަޖިލީހުގެ މާފަންނު މެންބަރުކަން
ކުރިއެވެ. އޭނާގެ އަމިއްލަ އެގާރަ ގޯތި މާލޭގައި އޮތެވެ. ބާޒާރުގައި
ހަތަރު ފިހާރަ ހުއްޓެވެ. ދަތުރު ކުރާ އޮޑިދޯނި ފަހަރާއި މަސްދޯނި
ހުއްޓެވެ. ފަޅުރަށް ލިޔުއްވައިގެން އުޅުނެވެ. އޭގެ ތެރެއިން އެއްރަށަކީ
ފެލިދެއަތޮޅު ބޮޑު މޮހޮރާއެވެ.

މީހަކު ކުރިއަރައިގެން ދިޔުމުގައި އޭރަކު އޮންނަ ސަރުކާރަކާއި އެމީހަކާ
ދެމެދު އޮންނަ ގުޅުން ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ. މިގޮތުން
ގުޅީ އީސަ އެންމެފަހުން އީސާ ކަލޭފާނަކަށް ބަދަލުވުމާއި ހުސްއަތާ މާލެ
ފޭބި އީސަ ވިޔަފާރީގެ ބޮޑު ވިޔުގައެއްގެ ނާރެހަކަށް ބަދަލުވެ އޭނާގެ
އަމިއްލަ ގެ ކަމަށްވާ އަލިވާގެ މާލޭގެ އެންމެ ކާރޫ ބާރޫ ބޮޑު ގެކަމަށް
ވުމުގައި އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި ޝަމްސުއްދީން
ރަދުންގެ ދައުރެއްވެސް އޮތެވެ. ރަންނަބަނޑޭރި ކިލެގެފާނު މިސްރަށް
ވަޑައިގެންނެވިއިރު އީސާ ކަލޭފާނުގެ ދަރިޔަކު ކިޔަވަން މިސްރަށް
ގެންދެވުމަކީ މި އެކުވެރިކަން އޮތް މިންވަރު އަންގައިދޭ ހެއްކެކެވެ.

ރަދުންނާއި ބޮޑުވަޒީރާއެކު މިވަރުގެ ގާތް އެކުވެރިކަމެއް އޮވެފައި
ކުއްލިއަކަށް މި ހާލަތު ބަދަލުވުމަށް މެދުވެރިވި ސަބަބަކީ
ކޮބައިބާވައެވެ؟ މިކަމުގެ ސަބަބަކީ ޝަމްސުއްދީން ރަދުންނާއި
އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި ދެމެދު އުފެދުނު
ދެކޮޅުވެރިކަމެވެ. ޚާއްސަކޮށް އަތިރީގޭ ބޭފުޅުންނާއި ޝަމްސުއްދީން
ރަދުންގެ ދެބަފައިންނާ ދެމެދު އުފެދުނު މައްސަލަތަކެވެ. މި އަރައިރުން
ތާރީޚުގައި މަޝްހޫރުވެގެންވަނީ ހެންވޭރު ގަނޑުވަރު ބަގާވާތުގެ
ނަމުންނެވެ. މިކަމެއް ފެށުނީ ޝަމްސުއްދީން ރަދުން ކަމެއް
ކުރައްވައިގެނެއް ނޫނެވެ. މިކަމުގެ އަސްލަކީ ރަންނަބަނޑޭރި ކިލެގެފާނުގެ
މުހައްމަދު ފަރީދާއި ހަސަންފަރީދެވެ. އެދެބޭފުޅުން ބޭނުންފުޅުވީ
ޝަމްސުއްދީން ރަދުން ކޮންމެވެސް ބަހަނާއެއް މެދުވެރިކޮށް ތަޚުތުން
ބޭލުމަށެވެ. މިދަނޑިވަޅުގައި މާލޭގައި ހުރި އެންމެ ބޮޑު މަހުޖަނު ގުޅީ
އިސާ ކަލޭފާނު ޖެހުނީ ޝަމްސުއްދީން ރަދުން ކޮޅަށެވެ.

ކަންވެ ނިމުނުއިރު ރަދުން ބަގާވާތެއް ކުރެއްވި ކަމަށް އޮތީވެފައެވެ.
މިބަގާވާތެއް ކުރެއްވި ކަމަށް ވަނީ ގާނޫނުއަސާސީއާ ދެކޮޅަށެވެ.
މިބަގާވާތަށް ޚަރަދު ކުރިކަމަށް ވީ ގުޅީ އީސާ ކަލޭގެފާނެވެ. އިސާހިތަކު
ޝަމްސުއްދީން ރަދުން ރަސްކަމުން ވަކިކުރެވި، މުލީއާގޭގައި ބަންދު
ކުރެވިއްޖެއެވެ. އީސާކަލޭފާނު ބަނޑޭރިގޭ ބޮޑު އަށީގައި
ބަންދުކުރެވިއްޖެއެވެ. ތަހުގީގުން މި ބޭބޭފުޅުންގެ ކުށްވެސް ސާބިތުވީ
މާއަވަހަކަށެެވެ. ޝަމްސުއްދީން ރަދުންގެ ދެބަފައިން އަރުވާލީ
ފުވައްމުލަކަށެވެ. އީސާކަލޭފާނު ފުރަތަ އަރުވާލީ އައްޑޫ މަރަދުއަށެވެ.
އޭގެފަހުން ބ.ގޮއިދުއަށް ބަދަލުކުރެވުނެވެ.

މީހަކު މީހަކަށް ވަނީ އެމީހެއްގެ އަތުގައި ހުންނަ ތަނަވަސްކަމަކުންނެވެ.
އެހެންކަމުން ގުޅީ އިސާކަލޭފާނު ނައްތާލުމަށް ހަސަން ފަރީދު
ބޭނުންކުރެއްވި އުކުޅަކީ އީސާކަލޭފާނުގެ މުޅި މިލްކިއްޔާތު
ދުއްވައިލުމެވެ. މާލޭގައި ތިބި ވޯރާއިންނަށް ބިރުދައްކައިގެން ހަސަން
ފަރީދު ވަނީ ވޯރާއިންނަށް އީސާ ކަލޭފާނު ފައިސާތަކެއް ދޭން ޖެހޭ ކަމަށް
ހައްދަވައިފައެވެ. މިކަން ޝަރީއަތުންވެސް ނިންމީ މިގޮތަށެވެ. އިސާހިތަކު
އީސާކަލޭފާނުގެ މުޅި މިލްކިއްޔާތު ނީލަމުގައި ވިއްކާލެވުނެވެ. ގެއާއި
ގެދޮރާއި ހުރިހާ އެއްޗެއްވެސް ހިމެނޭ ގޮތުންނެވެ.

އަރުވާލެވުނުތާ ހަތްއަހަރުވީ ފަހުން އީސާ ކަލޭފާނު މާލެ ގެނެވުނުއިރު،
މިލްކަކަށްވިޔަސް، މުދަލަކަށް ވިޔަސް ހުރި އެއްޗަކީ، އޭނާގެ އަނބި
މީހާއެވެ. މީހާ ހުރީ ހުތްފެލާލި ތޮށިގަނޑަކަށް ވެފައެވެ. އެއިރު ސަރުކާރު
ހިންގަވަނީ، ޙަސަންފަރީދު ދީދީއެވެ. އީސާ ކަލޭފާނުގެ ގެ އަލިވާގެ ވެސް
މީހަކު ވަނީ ނީލަމުގައި ގަނެފައެވެ. އަލިވާގެ ފަހުން ގަތީ ދިއްދޫ
އިބްރާހިމް ކަލޭފާނެވެ. ދިއްދޫ އިބްރާހިމް ކަލޭފާނަށް ދިމާވި ދެރަ
ދަނޑިވަޅެއްގައި އޭނާގެ އަތުން އެގެ ބައްލަވައިގަތީ މައުމޫންގެ
ދައުރުގައި އިލްޔާސް އިބްރާހީމްއެވެ. މިހާރު އެގޭގައި ހުންނަވަނީ
އިލްޔާސް އެވެ.

ރާއްޖޭގެ އޭރުގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ބަނގުރޫޓުކޮށްލައި، ދުވަސް
ދުއްވާލީ ކޮންސަބަބަކާ ހެދިހެއްޔެވެ؟ ބަގާވާތް އުފެއްދުމާއި ރަދުންނަށް
އެހީވެގެން ބާވައެވެ؟ ނޫނެކެވެ. ސަބަބެއްކަމަށް ސަރުކާރުން އެންގީ ވޯރާ
ވިޔަފާރިވެރީންނަށް ކަލޭފާނު ދަރާއޮތީމައެވެ. އެއީ ރަސްމީ ސަބަބެވެ.
އެހެންވީމާ ތާރީޚު އަލުން އިއާދަވެ މިއަދުގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ
ފެލާލައި އެކަމުގެ ސަބަބަކަށް ސަރުކާރުން ދައްކާނީ ކޮންމެހެން ސަރުކާރާ
ދެކޮޅުވެރިވެގަތުމެއް ނޫނެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ،
މީރާއަށް 100 މިލިއަން ޑޮލަރު ދައްކަން އޮތުމެވެ. އެކަމަކު އެ ސަތޭކަ
މިލިޔަނަކީ ކޮން ގޮތަކަށް އުފެއްދި އަދަދެއް ކަމާއި މިކަމުގެ ހަގީގަތަކީ
ކޮބައިކަން ނޭގޭ ދިވެއްސަކު ނެތެވެ.