Last Updated: May 5, 21:32
Sunday, May 5, 2024
ކުޅިވަރު

ބާސެލޯނާ މޮޅުކޮށް ދިނީ ޔަމާލް

ސްޕެނިޝް ލީގުގައި ރޭ ޔަމީން ޔަމާލްގެ ގޯލުން ބާސެލޯނާ އިން 1-0 އިން މަޔޯކާ ބަލިކޮށްފި އެވެ.

މި މޮޅާއެކު ބާސާ އޮތީ 28 މެޗުން ލިބުނު 61 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި 27 މެޗު ކުޅެގެން ލިބުނު 66 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ. ރެއާލް މާދަމާ ނިކުންނާނީ ސެލްޓަވީގޯއާ ދެކޮޅަށެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގެ 24 ވަނަ މިނެޓްގައި ލީޑު ނަގަން ބާސާ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އިލްކާއި ގުންޑޮގާން ފޮނުވާލި ޕެނަލްޓީ މަތަކުރީ މަޔޯކާގެ ގޯލްކީޕަރު ރަޖްކޮވިޗް އެވެ. ދެވަނަ ހާފުގައި އުމުރުން 16 އަހަރުގެ ޔަމާލް ފޮނުވާލި ހަމަލާއެއް މަޔޯކާގެ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު، ދެވަނަ ހާފުގައި ކުޅެން އެރި ވިޓޯ ރޮކޭ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބިފައިވެ އެވެ.

މި މެޗުން ބާސާ މޮޅުވި ގޯލު ޔަމާލް ކާމިޔާބުކޮށްދިނީ މެޗުގެ 73 ވަނަ މިނެޓްގަ އެވެ. މަޔޯކާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ޔަމާލް ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ސީދާ ގޯލުގެ މަތީ ކަނަށެވެ. މިއީ މި ސީޒަނުގައި ޔަމާލް ކާމިޔާބު ކުރި ހަވަނަ ގޯލެވެ.

ޔަމާލް ވަނީ މި ސީޒަނުގެ ކުރީކޮޅު ސްޕެނިޝް ލީގުގައި ގޯލެއް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑު ވެސް މުގުރާލާފަ އެވެ.

ސްޕެނިޝް ލީގުގައި ބާސާ ދެން ބައްދަލުކުރާނީ އެތްލެޓިކޯ މެޑްރިޑްއާ އެވެ.