Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

ކާށިދޫގައި ވައިން ހަކަތަ އުފައްދަން ފަށައިފި

ރާއްޖޭގައި ވައިން ހަކަތަ އުފެއްދުމުގެ މަޝްރޫއުގެ ތެރެއިން ކ، ކާށިދޫގައި އެ ނިޒާމުގެ ބޭނުން ކުރަން ފަށައިފި އެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫއު އިފުތިތާހުކޮށް ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު
ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އޭނަ ވިދާޅުވީ ކުރިން އަބަދުވެސް ގަބޫލުވެފައި އޮތީ ރާއްޖޭގައި ހިންގުމަށް އެންމެ އެކަށީގެން ވަނީ އަވިން ޙަކަތަ އުފެއްދުން ކަމަށެވެ.

"އެހެންނަމަވެސް މުސްތަޤުބަލަށް ވިސްނާ ރާއްޖޭގެ އެނަޖީ ސެކިއުރިޓީ ކަށަވަރުކުރުމަށް އިތުރު ވަޞީލަތްތައް ބޭނުންކޮށްގެން އެބަޖެހޭ ޙަކަތަ އުފައްދަން ފަށަން،" މިނިސްޓަރު ވިދާޅުވި އެވެ. "ކާށިދޫ މަޝްރޫޢުގެ ތަޖުރިބާއަށް ބެލުމަށްފަހު އިތުރު ސަރަޙައްދުތަކުގައި ވައިން ޙަކަތަ އުފެއްދުމާ ދިމާއަށް ދާން ޖެހޭ."

އެ ރަސްމިއްޔާތުގައި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލީ ޒިންގް ވިދާޅުވީ ވައިން ހަކަތަ އުފެއްދުމުގެ މަޝްރޫއު ކާށިދުއާ އެކީ ހަތަރު ރަށެއްގައި ގާއިމު ކުރަން ނިންމައިފަ އެވެ. މީގެ މީގެ ސަބަބުން އެ ފަސް ރަށުގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެ ފަސް ރަށަކީ ކާށިދޫގެ އިތުރުން ރ. އަލިފުށި، ޅ. އޮޅުވެލިފުށި، ހއ. ކެލާ އަދި ގއ. ދާންދު އެވެ. މިއިން ކޮންމެ ރަށެއްގައި ދުވާލެއްގެ މައްޗަށް 200 ޓަނުގެ ފެން އުފެއްދޭނެ ނިޒާމަކާއި އަދި އެޚިދުމަތް ދިނުމަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް 200 ކިލޯވޮޓުގެ ސޯލާ ހަކަތައިގެ ނިޒާމު ޤާއިމުކުރާނެ އެވެ. ކާށިދޫގައި ވަނީ ފެނުގެ ނިޒާމު ގާއިމުކޮށް، ފުރަތަމަ ފަހަރަށް ވިންޑް ޓަބައިން ހަރުކޮށް ވައިން ހަކަތަ އުފެއްދޭނެ ނިޒާމެއް ޤާއިމުކޮށްފަ އެވެ. މި މަޝްރޫޢުގެ ދަށުން ވައިން 100 ކިލޯވޮޓުގެ ހަކަތަ އަދި ސޯލާއިން 100 ކިލޯވޮޓުގެ ހަކަތަ އުފެއްދުމުގެ ނިޒާމު ގާއިމުކޮށްފައިވެ އެވެ.