ބަނޑަށް ޖެހިފައިވާ ގާޒާގެ ރައްޔުތުންނަށް ކާނާގެ އެހީތެރިކަން ފޯރުކޮށް ދޭން ސައިޕްރަސް އިން ބޯޓެއް ފުރަން ތައްޔާރުވެއްޖެ އެވެ.
ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ގާޒާ އަށް ފޯރާނެ ކަމަށް ބެލެވޭ މި ބޯޓަކީ ސްޕެއިންގެ އުޅަނދެއް ކަމަށްވާ "އޯޕަން އާމްސް" އެވެ. މީގައި ގާޒާ އަށް ފޯރުކޮށް ދޭން އުޅެނީ ހިލޭ ސާބަހަށް މަސައްކަތްކުރާ އެމެރިކާގެ ޖަމިއްޔާއެއް ކަމަށްވާ ވޯލްޑް ސެންޓްރަލް ކިޗަން އިން ބަރުކޮށްފައިވާ 200 ޓަނުގެ ކާނާ އެވެ.
މި އެހީއާ އެކީ "އޯޕަން އާމްސް" ސައިޕްރަސް އިން ފުރަން ތައްޔާރުވެފައި އޮތް ނަމަވެސް، އެ ވޯޓް ބަނދަރުކުރާނީ ގާޒާގެ ކޮން ތާކަށް ކަމެއް ނޭނގެ އެވެ. ސަބަބަކީ އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން އެތަނުގެ ހުރިހާ ބަނދަރުތަކެއް ހުއްޓުމަށް ގެނެސްފައިއޮތުމެވެ. އެހެންވެ އެހީގެ ބޯޓުން ގެންދާ ކާނާ ގާޒާގެ ރައްޔިތުންނަށް ފޯރުކޮށް ދޭނީ ސީދާ ކޮން ތަނެއްގައިކަން ނޭނގޭ ގޮތަށް ވޯލްޑް ސެންޓްރަލް ކިޗެންގެ އޮފިޝަލުންގެ އެހީތެރިކަމާ އެކީގައި ކަމަށް "އޯޕަން އާމްސް" ގެ ބާނީ އޮސްކާ ކޭމްޕްސް އެސޯސިއޭޓް ޕްރެސް (އޭޕީ) އަށް ވިދާޅުވި އެވެ.
ގާޒާ އަށް އެހީތެރިކަންް ފޯރުކޮށް ދޭން ވޯލްޑް ސެންޓްރަލްގެ 60 ޔުނިޓެއް އެތަނުގައި ގާއިމުކޮށްފައިވެ އެވެ.
އެހީއާ އެކީ ގާޒާ އަށް ދާ ބޯޓްގައި ކާނާ އާއި ބޯފެނުގެ އިތުރުން އަސާސީ ބައެއް ތަކެތި ވެސް ހިމެނެ އެވެ.
މިދިޔަ ހަފުތާގައި އެމެރިކާ އިން ވަނީ ޖޯޑަންގެ އަސްކަރިއްޔާއާ ގުޅިގެން އަސްކަރީ ތިން ފްލައިޓެއް މެދުވެރިކޮށް، ކުދި ވައިކުޑަތަކުގައި 35،000 އަށް ވުރެ ގިނަ މީލް ޕެކް ގާޒާ އަށް ފޯރުކޮށް ދީފަ އެވެ. ގާޒާ އަށް އެހީ ފޯރުކޮށް ދިނުމުގެ މަގުތަކަށް އަނިޔާވެރި ޔަހޫދީ ދައިލަތުން ވަރަށް ބޮޑަށް ދަތިކޮށްފައިވާ އިރު، ގާޒާގެ ރައްޔިތުން ދަނީ ބަނޑަށް މަރުވަމުންދާތީ އދ. އިން ވެސް ކަންބޮޑޮވުން ފާޅުކޮށްފައިވެ އެވެ.
ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ހަމަލާތައް ހުއްޓައިލަން އެމެރިކާ އިން ބާރު އަޅަމުން އަންނަ އިރު، އެހީ ފޯރުކޮށް ދިނުމަށްޓަކައި ވަގުތީ ފްލޯޓިން ޕޯޓެއް ގާޒާގެ އައްސޭރިފަށުގައި ހަދަން ނިންމާފައިވާ ކަމަށް ޕެންޓަގަނުން ބުނެފައިވެ އެވެ.
އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ފަލަސްތީނުގެ ރައްޔިތުންނަށް ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާ ގުޅިގެން އެ ގައުމު އޮތީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ. ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 30،000 އަށް ވުރެ ގިނަ އެވެ.