މި ވެރިކަމުގައި ކުރިމަތިން ފެންނަން އޮތީ ދޮގުހެދުމާއި އޮޅުވާލުމާއި އަނިޔާވެރިކަން ކަމަށް އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ފުނަދޫ ދާއިރާގެ ކެމްޕޭނަށް ށ. މާއުނގޫދޫގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ރަށްރަށުގައި ހިންގަން ފަށާފައިވާ ތަރައްގީގެ ހުރިހާ މަޝްރޫއެއް މިހާރު ހުއްޓުމަކަށް ގެނެސްފައިވާ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި، ރަށްރަށުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށް ގެންދާނެކަމަށް ބުނިކަން ފާހަގަކޮށް ސޯލިހް ވިދާޅުވީ މިހާރު ފެންނަފެނުމުން އެނގެނީ އެ ވާހަކަތަކަކީ ވެރިކަން ހޯދުމަށް ދެއްކި ބަހަނާތަކެއް ކަމަށެވެ.
"އަނެއްކާވެސް ނިކުމެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ހޯދުމަށްޓަކައި ހަމަ އެފަދަ ބުހުތާން ދޮގުތައް ހަދަމުން އެގެންދަނީ. އެއިން އެއްވެސް ކަމަކީ އަމަލީ ސިފައެއް އަންނާނެ ކަމެއް ނޫން." ސޯލިހް ވިދާޅުވިއެވެ.
ސޯލިހް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބަޖެޓްގެ ދަތިކަން ހުރިކަމަށް ސަރުކާރުން ބުނާއިރު ކުރަން ބޭނުންވާ ހުރިހާކަމެއް ރައީސް މުއިއްޒު ކުރައްވާ ކަމަށާއި ބަޖެޓް ދަތިވަނީ ހަމައެކަނި ރަށްރަށުގައި ކުރަން ފަށާފައިވާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކަމަށެވެ. މިސަރުކާރުގެ ސިޔާސީ މަގާމުތައް 1500 އަށް މިސްރާބު ޖަހާފައިވާކަމަށް ސޯލިހް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ މިއީ ފާއިތުވި އެއްވެސް ސަރުކާރަކުން ކަންތައް ކުރެއްވި ގޮތެއް ނޫން ކަމަށެވެ.
މިކަންކަން ހުއްޓުވާ ހަމަމަގަށް އަޅުވަންޖެހޭ ކަމަށާއި އެކަމަށް މަޖިލީހުގެ އިންތިހާބު މުހިންމު ކަމަށް ސޯލިހް ވިދާޅުވިއެވެ.
މީގެއިތުރުން ވާހަކަ ދައްކަވަމުން ސޯލިހް ވިދާޅުވީ ފުނަދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އިލްހާމް އަހުމަދަކީ 10 އަހަރު މަޖިލީހުގައި މަސައްކަތްކުރެއްވި މެންބަރެއް ކަމަށާއި އަދި ފުނަދޫ ދާއިރާއަށް މިހާތަނަށް ލިބޭނެ އެންމެ ރަނގަޅު މެންބަރަކަށް އިލްހާމް ވާނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ މަޝްރަހު އޮތްގޮތަށް އަލިއަޅުވާލާ ވާހަކަދައްކަވަމުން ސޯލިހް ވިދާޅުވީ ރާއްޖެ އަނެއްކާވެސް އެފަދަ މާހައުލަކަށް ބަދަލުވެފައިވާ ކަމަށެވެ. ކުރިމަތިން ފެންނަން އޮތީ ދޮގުހެދުމާއި އޮޅުވާލުމާއި އަނިޔާވެރިކަން ކަމަށް ސޯލިހް ވިދާޅުވިއެވެ.
"ވަގުތު ދީފިކަމަށްވަންޏާ، ފުރުސަތު ދީފިކަމަށްވަންޏާ، 2013 އިން 2018 އަށް އަޅުގަނޑުމެނަށް ކުރިމަތިވި އަނިޔާވެރިކަމާ ބިރުވެރިކަމަށްވުރެއް މާ ނުރައްކާތެރި ދުވަސްތަކެއް ކުރިމަތީގައިއޮތީ." ސޯލިހް ވިދާޅުވިއެވެ.
ކެމްޕޭނަށް ދަތުރުކުރާ ކޮންމެ ރަށަކުން ރައްޔިތުން ބުނަނީ ހެދުނީ ގޯހެއް ކަމަށާއި މިކަން ބަދަލުކުރަންޖެހޭ ވާހަކަ ކަމަށް ސޯލިހް ވިދާޅުވިއެވެ.