Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

އަހާންގެ ދެވަނަ ފިލްމަކީ "ސާންކީ"

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީގެ ދެވަނަ ފިލްމު މިއަދު އިއުލާންކޮށްފި އެވެ.

އުމުރުން 28 އަހަރުގެ އެކްޓަރުގެ ދެވަނަ ފިލްމަކީ "ސާންކީ" އެވެ. މިއީ އޭނަ ބޮލީވުޑަށް 2021 ގެ "ތަޅަޕް" އިން ތައާރަފުކޮށް ދިން ޕްރޮޑިއިސަރު ސާޖިދު ނަދުއަދުވާލާ ޕްރޮޑިއުސްކުރާ އެއްޗެކެވެ. އޭނަގެ ނަދިއަދުވާލާ ގްރޭންޑްސަން އިން މިއަދު ބުނީ އަހާންއާ އެކީ "ސާންކީ" ގެ ބަތަލާގެ ރޯލު ކުޅޭނީ ޕޫޖާ ހެގްޅޭ ކަމަށެވެ.

މި ފިލްމަކީ ރަޖަތު އަރޯރާގެ ސްކްރީންޕްލޭއަކަށް އަދުނާން ޝެއިހާއި ޔާސިރު ޖާ ޑައިރެކްޓްކުރާ ފިލްމެކެވެ. "ސާންކީ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 14 ގަ އެވެ.

ބެލުންތެރިންގެ ފަރާތުން ފުދޭ ވަރެއްގެ ތަރުހީބެއް ލިބުނު އަހާންގެ ފުރަތަމަ ފިލްމު "ތަޅަޕް" އަކީ 2018 ގެ ތެލެގޫ ފިލްމު "އާރްއެކްސް 100" ގެ ރިމޭކެކެވެ. ތާރާ ސުތާރިއާ ބަތަލާގެ ރޯލު ކުޅުނު ފިލްމު ޑައިރެކްޓްކުރީ މިލަން ލުތުރިއާ އެވެ.

"ތަޅަޕް" އިން އަހާން އަށް އައިފާގެ މޮޅު އާ އެކްޓަރުގެ އެވޯޑް ލިބުނެވެ.