Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

އެމްއޭސީއެލް އިން ހުޅުލެ ސާފު ކުރުމުގެ ބޮޑު ހަރަކާތެއް

"ސަޅި ހުޅުލެ" ކެމްޕެއިން ތެރެއިން އެމްއޭސީއެލް މުވައްޒަފުން ހުޅުލެ ސާފު ކުރަނީ / ފޮޓޯ: އެމްއޭސީއެލް

"ސަޅި ހުޅުލެ" ނަމުގައި ރާއްޖޭގެ މައި ދޮރާށި ކަމުގައިވާ ވެލާނާ އެއާޕޯޓް އޮންނަ ހުޅުލެ ސާފު ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ފަށައިފިއެވެ.

ހުޅުލޭގެ މައިގަނޑު 9 ދިމާލަކަށް ޓީމްތައް ބަހާލައިގެން ކުރިއަށްގެންދިޔަ މިހަރަކާތުގެ މަގްސަދަކީ މުޅި ހުޅުލެ އެއްކޮށް ސާފުކުރުމެވެ. އަދު ހެދުނު 8:00 އިން މެންދުރު 12:00 އަށް ކުރިއަށްގެންދާ މި ހަރަކާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންނާއި ކުންފުނީގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ޖޯޝާއެކީ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.


ހުޅުލެ ސާފުކުރުމަށް އެމް.އޭ.ސީ.އެލް އިން ފެށި މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވާފައިވަނީ އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑައިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު އެވެ. މިއަދު ހެނދުނު ކެމްޕެއިން ފަށްޓަވައި ދެއްވައި، އެމްޑީ ޝަރީފް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ސާފުކޮށް ބޭއްވުމަކީ އެންމެންގެ ޒިންމާއެއްކަމަށާއި އެކަމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދެއްވުމަކީ މުހިއްމު ކަމެއްކަމަށެވެ. އަދި އުއްމީދު ކުރައްވަނީ މިފަދަ އިތުރު ހަރަކާތްތައް ކުރިއަށް އޮތްތަނުގައި ބޭއްވުންކަމަށް ސީ.އީ.އޯ އަދި އެމްޑީ ޝަރީފް ވިދާޅުވިއެވެ.

މިހަރަކާތުގައި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާއި މޯލްޑިވް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އިން ވެސް ވަނީ ބައިވެރިވެފައެވެ. ރާއްޖޭގެ މައި އެއަރޕޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ސާފުކޮށް ބޭއްވުމަށް އެމް.އޭ.ސީ.އެލް އިން މިފަދަ ހަރަކާތްތައް މީގެ ކުރިންވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.