އެމަނިކުފާނާ ދިމާލަށް އެއްޗެއް ބުނެ ފާޑުކިޔުމުން މީހަކަށް ފިޔަވަޅު ނާޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޅ. ކުރެންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރަންބޭނުންވަނީ ރައްޔިތުންނާ ގާތުން ކަމަށާއި، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 150 ކައުންސިލާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. ބާކީ ހުރި ކައުންސިލްތަކާ ބައްދަލުކޮށް ރައްޔިތުންނާވެސް ބައްދަލުކުރައްވާ ރަށްތަކަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާ ދިމާލަށް އެއްވެސް މީހަކު އެއްޗެއް ބުނެގެން ފިޔަވަޅު ނާޅާނެ ކަމަށާއި ބޭނުންވަނީ ރައްޔިތުންގެ އަޑުއަހަން ކަމަށެވެ. ފާޑުކިޔަންވާނެ ކަމަށާއި ކަންކަން ރަނގަޅު ކުރުމުގެ ނިޔަތުގައި ބުނާ އެއްޗެއްނަމަ އެކަމަކަށް މަރުހަބާ ކިޔާނެ ކަމަށާއި އަދި ހިތްހަމަ ނުޖެހިގެން އެއްޗެއް ބުނިނަމަވެސް ފިޔަވަޅު ނާޅާނެ ކަމަށް ވިދާޅުވިއެވެ.
"މިހެންމި ދަންނަވަންޖެހުނީ އިހައްދުވަހު އަޅުގަނޑަށް ފެނުނީ ނޫހަކުން ސަރުކާރު ކުންފުންޏަކުން މުވައްޒަފަކަށް ފިޔަވަޅު އެޅީކަމަށް އަޅުގަނޑާ ދިމާލަށް ކޮންމެވެސް އެއްޗެއް ސޯޝަލްމީޑިއާގައި ލިޔެގެން. އަޅުގަނޑު އެ ކުންފުނީގެ އެމްޑީއަށް ގުޅިން ވަގުތުން، ގުޅާފަ އެހިން މިކަން ނޫހުން ފެނިގެންނޭ މިއީ ތެދެއްތޯއޭ؟ އެއީ އަޅުގަނޑު ބޭނުމެއްނޫން އަޅުގަނޑާ ދިމާލަށް އެއްޗެއް ބުނެގެން ފިޔަވަޅެއް އަޅާކަށް. އެކަހަލަ ކަންތައް ކުރާ މީހެއް ނޫން އަޅުގަނޑަކީ އެއްވެސް އިރެއްގައި." ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ގާނޫނާއި ގަވައިދާ އެއްގޮތަށް ހަމަކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ އެއްޗެއް ބުނެވޭނެ ކަމަށެވެ. އެ މައްސަލައިގައިވެސް ވާހަކަ ދެއްކެވި އެމްޑީ އެކަން ހިނގިގޮތް ސާފުކޮށްދެއްވި ކަމަށާއި، އެގޮތުން ފިޔަވަޅު އެޅީ އެކަހަލަ މައްސަލައެއްގައި ނޫންކަމަށް ވިދާޅުވިކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ފިޔަވަޅު އެޅީ އެއަށްވުރެއް މާ ސީރިއަސް ކަމެއްގައި ކަމަށާއި އަމަލުކުރީ ކުންފުނީގެ އުސޫލުތަކާއި ޕޮލިސީގެ ތެރެއިން ކަމަށް އެމްޑީ ވިދާޅުވިކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެކަން ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެމްޑީއަށް ދަންނަވާފައިވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ފެންނަނީ ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ހަގީގަތް އޮޅުވާލަން މަސައްކަތްކުރާތަން ކަމަށާއި އެހެންކަމުން ކަންކަން ސާފުކޮށްދެވެން ޖެހޭކަމަށެވެ. ރައްޔިތުންނަށް ހަގީގަތް އެނގެންޖެހޭ ކަމަށާއި ސަރުކާރުގެ ފަރާތުން ފެންނާނީ ސާފުބަހުން ތެދުބަހުން ވާހަކަދައްކާތަން ކަމަށެވެ. އަދި ރައްޔިތުންގެ ކިބައިން އެދެނީ ތެދުބަހުން ދައްކާ ވާހަކަތައް ޚިޔާރު ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.