Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ގެވެށިއަނިޔާއާ ގުޅޭ ފޯމް ކޯޓަށް އޮންލައިންކޮށް

ގެވެށި އަނިޔާ ލިބޭ މީހުނަށް ރައްކާތެރިކަމުގެ އަމުރު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް، އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަދައިފިއެވެ.

ޕީޖީ ހުސައިން ޝަމީމް އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައިވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މިހިނގާ 2024 ވަނަ އަހަރުގެ އެއް އަމާޒަކީވެސް، ކުށުގެ ޝިކާރައަކަށްވާ މީހުންނަށް، ދައުލަތުގެ އިދާރާތަކުން އަޅައިލާ މިންވަރު ރަނގަޅުކޮށް، ދުނިޔޭގެ ފެންވަރުގެ ވިކްޓިމް ސަޕޯޓް ސަރވިސްއެއް އުފެއްދުން ކަމަށެވެ.

ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުގެ ވެބްސައިޓަށް އެމީހެއްގެ އީފާސް ލޮގްއިން ބޭނުންކޮށްގެން ވެންނެވުމުން، އެޕްލިކޭޝަންތަކުގެ މެނޫއިން "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދުން" ކިޔާ ޓެބެއް ފެންނާނެ ކަމަށެވެ. އެޓެބަށް ފިތާލުމުން އޮންލައިންކޮށް، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު ފުރޭނޭ ގޮތް ހަމަޖެހިފައި ހުންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މި ފޯމުގައި ފުރަންޖެހޭ އަސާސީ ބައިތައް ހުންނާނީ އޮޓޮމެޓިކުން ފުރާފައި ކަމަށާއި، އިތުރަށް ފުރަންޖެހޭނީ އެމީހަކަށް ދިމާވި ހާދިސާއާބެހޭ މައުލޫމާތު ކަމަށް ޝަމީމް ވިދާޅުވިއެވެ.

"ގެވެށި އަނިޔާލިބޭ ހާލަތެއްގައި ހުރި މީހަކަށް، ރައްކާތެރި މާހައުލަކަށް (މިސާލަކަށް، ފުލުސް އޮފީހަށް ނުވަތަ އިޖްތިމާއީ ހިދުމަތްދޭ ތަނަކަށް) ދެވުމުން މިފޯމު އޮންލައިންކޮށް ފުރައިލެވޭނެއެވެ. އެމީހަކު އެ ފޯމު ފޮނުވަން ބޭނުންވާ ކޯޓުގެ ނަން ނެގުމުން، އެކޯޓެއްގެ އީމެއިލް އެޑްރެހަށް، އެކޯޓެއްގެ ލެޓަރ ހެޑުގައި، ފޯމު ފޮނުވައިލަދިނުމުގެ ޚިދުމަތް، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލުން ދޭނެއެވެ. އަނިޔާލިބޭ ހާލަތެއްގައި ހުރި މީހާ، ފޯމު ހިފައިގެން ކޯޓު ދޮށަށް ހިނގަންޖެހުން މިހިސާބުން ނިމުމަކަށް އައީއެވެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެ ފޯމު ކޯޓަށް ދާނީ ޕީޖީ އޮފީހުގެ އީމެއިލަކާއެކު ކަމަށާއި، މިއީ ޕީޖީ އޮފީހުން ދޭ އީމެއިލް ފޯވާޑުކޮށްދިނުމުގެ ހިދުމަތެއް ކަމަށެވެ. އަދި ފޯމުގައި ހުންނަ މައުލޫމާތެއް ޕީޖީ އޮފީހަށް ނޭނގޭނެ ކަމަށާއި، ފޯމުގައި ހުރި ކަންކަމަކީ ފޯމު ފުރާމީހާއާ ކޯޓާ ދޭތެރޭ ކުރާ މުއާމަލާތެއް ކަމަށެވެ.

"ޕީޖީ އޮފީހުން ކޮށްދޭ ހަމައެކަނި ކަމަކީ، އެފޯމު ފުރައިލުމުގެ ކަންތައް ލުއި ފަސޭހަކޮށްދީ، އަދުލު އިންސާފަށް ވާސިލުވާން ހުރި މަގުތައް ފަސޭހަކޮށްދިނުމެވެ." ޝަމީމް ވިދާޅުވިއެވެ.

މިފަދައިން އެދޭ އަމުރުތަކާމެދު ނިންމާ ނިންމުމެއް ސަބަބާއެކު އީމެއިލަކުންނާއި ފޯމު ހުށަހެޅި މީހާގެ އޮންލައިން ޕޯޓަލުގެ ތެރެއިން ފެންނަން ހުންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. ފޯމު ހުށަހެޅި މީހާއާއި ކޯޓާ ކުރެވޭ މުއާމަލާތުތައްވެސް ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ހުންނާނެ ކަމަށާއި ފޯމު އިސްލާހުކުރަން ކޯޓުން އަންގައިފިނަމަ، އިސްލާހުކުރަން ޖެހޭ ތަންތަން ފާހަގަކޮށްދޭންޖެހޭނެ ކަމަށް ވިދާޅުވިއެވެ.