އައްޑޫ ރީޖަނަލް ޕޯޓްގައި އިންޓަނޭޝަނަލް ފިޝްހަބެއް ހަދަން ނިންމައިފި އެވެ.
މޯލްޑްވިސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ އައްޑޫގައި ފްރީ ޒޯނެއް ގާއިމުކޮށް އެތަނުގައި އިންޓަނޭޝަނަލް ފިޝް ހަބެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
އޭރުން ދުނިޔޭގެ ބޮޑެތި މަހުގެ މަސައްކަތް ކުރާ ކުންފުނިތައް އެތަނަށް އަންނާނެ ކަމަށާއި އެތަނުގައި އެ މީހުންގެ ފެކްޓްރީތައް ގާއިމުކޮށް، މަސް ޕްރޮސެސް ކޮށްފައި ދެން ދުނިޔޭގެ ތަންތަނަށް ފޮނުވަމުންދާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ. މިއީ ބޮޑު މަސައްކަތަކަށް ވާއިރު، މިއީ މަސްވެރިން ބާނާ މަސްކޮޅު ވިއްކާލުމަށް ފަހު ފައިސާ ނުލިބިގެން އުޅޭތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކުރާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
އައްޑު ޕޯޓުގައި އިންޓަނޭޝަނަލް ފިޝްހަބެއް ހަދަން ނިންމާފައިވާއިރު، އެމްޕީއެލް އިން ވަނީ އައްޑޫ ޕޯޓުގައި ބަންކަރިންގެ ހިދުމަތް ފެށުމަށް ވެސް ނިންމާފަ އެވެ. މި ސަރުކާރުން މިހާރު އަމާޒު ހިފާފައި ހުރީ އައްޑޫ ޕޯޓްގެ ބޭނުން އެންމެ ރަނގަޅަށް ހިފޭ ގޮތަށް އެތަން ބައްޓަންކޮށް ހިދުމަތްތައް އިތުރު ކުރަން ކަމަށްވެސް އެމްޕީއެލް އިން މީގެކުރިން ވަނީ ބުނެފަ އެވެ.
މީގެ ސަބަބުން އައްޑޫ ޕޯޓަށް ލިބޭ އާމްދަނީ އިތުރުވެ އައްޑޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ވެސް އިތުރުވެގެން ދާނެ ކަމަށް އެމްޕީއެލް އިން ލަފާކުރެ އެވެ.
އައްޑޫ ސަރަހައްދީ ބަނދަރަކީ 2006 ގައި ބޭނުން ކުރަން ފެށި ތަނެކެވެ.