ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިއަން އޭނަގެ ކެރިއަރުގެ އެންމެ ބޮޑު ފިލްމުގެ ޝޫޓިން މިއަދު ފަށައިފި އެވެ.
މި ފިލްމަކީ 33 އަހަރުގެ އެކްޓަރުގެ 2022 ގެ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" ގެ ތިން ވަނަ ބައެވެ. މި ފިލްމުގެ ޝޫޓިން މިއަދު ފެށި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް، ހުނަރުވެރި ކާމިޔާބު އެކްޓަރު ބުނީ ކެރިއަރުގެ އެންމެ ބޮޑު ފިލްމުގެ މަސައްކަތް މިއަދު ފެށުނީ ކަމަށެވެ. "ބޫލް ބުލައްޔާ 3" އަކީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، އަނީސް ބަޒްމީ ޑައިރެކްޓްކުރާ ފިލްމެކެވެ. މީގެ ބަތަލާ އަކީ މި ފަހަރު ޓްރިޕްތީ ދިމްރީ އެވެ. "ބޫލް ބުލައްޔާ 2" ގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ. އަދި އޭގެ ވަރަށް މުހިއްމު ރޯލެއް ތައްބޫ ވެސް ކުޅުނެވެ.
ފާހަގަކޮށްލެވޭ ކަމަކީ "ބޫލް ބުލައްޔާ 3" ގައި 2007 ގެ "ބޫލް ބުލައްޔާ" ބަތަލު ވިދިއާ ބަލަން ވެސް ހިމެނޭކަމެވެ. ރިޕޯޓްތައް ބުނާ ގޮތުން އާ ފިލްމުން މަދޫރީ ޑިކްސިޓް ވެސް ފެންނާނެ އެވެ. އެކަމަކު ފިލްމުގެ ޓީމުން އެކަން އަދި ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
"ބޫލް ބުލައްޔާ 3" މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނާނެ އެވެ. މި ފިލްމުގެ ކުރިން ކާތިކްގެ "ޗަންދޫ ޗެމްޕިއަން" ބެލުންތެރިންނަށް ގެނެސްދޭނެ އެވެ. ކަބީރު ޚާން ޑައިރެކްޓޮށްފައިވާ މި ސްޕޯޓްސް ޑްރާމާ ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ ޖޫން 14 ގަ އެވެ.
"ޕިޔާރު ކާ ޕަންޗްނާމާ" އާއި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އާއި "ލުކާ ޗުއްޕީ" ގެ އިތުރުން ""ޕަތީ ޕަތުނީ އޯރް ވޯ" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ސަތިއަޕްރޭމް ކީ ކާތާ" އެވެ.