Last Updated: April 29, 06:03
Monday, April 29, 2024
ޚަބަރު

އެމްޕީއެލް އަންހެން މުވައްޒަފުންނަށް މަހަކު އެއްދުވަސް ޗުއްޓީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އަންހެން މުވައްޒަފުންނަށް ކޮންމެ މަހަކު އެއްދުވަސް ޗުއްޓީއަށް ނެގޭ ގޮތަށް ހަމަޖައްސަން އެކުންފުނިން ނިންމައިފިއެވެ.

އެކުންފުނިން މިކަން ހާމަކޮށްފައިވަނީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން އެކުންފުނިން މާލެ ސައުތްވެސްޓް ހާބަރ، ޓީ ޖެޓީގައި ރޭ ބޭއްވި ހަފްލާގައެވެ. "ކަނބަލުންގެ ލީވް" ނަމުގައި ތަޢާރަފް ކުރި މި ޗުއްޓީ އިއުލާންކޮށްދެއްވީ އެ ރަސްމީއްޔާތުގައި ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީޙްއެވެ.

އެމް.ޕީ.އެލް އިން ތައާރަފްކުރި "ކަނބަލުންގެ" ލީވް އަކީ ކުންފުނީގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް މައްސަރު ދުވަސްވަރު ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ އަދި އުފެއްދުންތެރި މަސައްކަތުގެ މާހައުލެއް ކަށަވަރު ކޮށްދިނުމަށްޓަކައި މި ކުންފުނިން ތަޢާރަފްކުރި ޗުއްޓީއެކެވެ.

މިގޮތުން ކޮންމެ މަހަކު އެއްފަހަރު މި ޗުއްޓީއަށް އަންހެން މުވައްޒަފުންނަށް އެދިލެވޭނެއެވެ. އަދި ޗުއްޓީ ނަގާ ދުވަހަށް މެޑިކަލް ސެޓްފިކެޓް ހުށަހަޅަންވެސް ނުޖެހޭނެ ކަމަށް އެކުންފުނިން ބުނެއެވެ. އެމްޕީއެލްއިން ވަނީ ޗުއްޓީ ދިނުމުގެ އުސޫލް ވަރަށް އަވަހަށް މުވައްޒަފުންނަށް ހާމަކޮށް ޗުއްޓީ ދޭން ފަށާނެކަން ހާމަކޮށްފައެވެ.

އެމްޕީއެލްއިން މިފަދަ ޗުއްޓީއެއް އަންހެނުންގެ ދުވަހާއި ގުޅުވައިގެން ދޭން ނިންމާފައިވާއިރު، ސަރުކާރުގެ ކުނި މެނޭޖްކުރުމާއި ގުޅޭ ކުންފުނި ވެމްކޯއިންވެސް ވަނީ މިފަދަ ޗުއްޓީއެއް ދޭން ނިންމާފައިވާކަން ހާމަކޮށްފައެވެ.