Last Updated: April 29, 09:41
Monday, April 29, 2024
ޚަބަރު

ޝިޕް އޭޖެންޓުން ޑޮލަރުން ފައިސާ ދައްކާ ގޮތް ހަދަނީ

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް

ޝިޕް އޭޖެންޓުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއަށް ޑޮލަރުން ފައިސާ ދައްކަން ޖެހޭ ގޮތަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެކުންފުނިން މިކަން ހާމަކޮށްފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކުންފުނިންގެ ސީއީއޯ މުހައްމަދު ވަޖީޙް އިބްރާހިމް ވިދާޅުވީ ރާއްޖޭގައި ހަރަކާތްތެރިވާ ޝިޕިންގް އޭޖެންޓުން ވިޔަފާރިވެރިން އަތުން ފައިސާ ނަގަނީ ޑޮލަރުން ކަމަށެވެ. ނަމަވެސް އެ ފަރާތްތަކުން ބާޒާރުގައި މާރު ކުރުމަށް ފަހު އެ ފައިސާ އެމްޕީއެލްއަށް ދައްކަނީ ދިވެހި ރުފިޔާއިން ކަމަށް ވިދާޅުވިއެވެ.

އެގޮތުން އަހަރެއްގެ މައްޗަށް 30 މިލިއަން ޑޮލަރު މިގޮތަށް ގެއްލޭ ކަމަށާއި މިއީ ކުރަން ޖެހޭ ކަމެއް ކަމަށް ވަޖީޙް ވިދާޅުވިއެވެ. ވަޖީހް ވިދާޅުވީ އާންމުކޮށް ވިޔަފާރިވެރިން އަތުން ޑޮލަރުން ނެގުމަށް ފަހު ޝިޕިންގް އޭޖެންޓުން އެމްޕީއެލްއަށް ދައްކަނީ 17ރ. ނުވަތަ 18ރ. އަށް މާރުކޮށްފައެވެ. މިހެން ވުމުން އޭޖެންޓުންނަށް އިތުރަށް ފައިސާ 20 އިންސައްތަ އިތުރަށް ފައިސާ ދައްކަން ވިޔަފާރިވެރިން ޖެހޭ ގޮތަށް ވާ ކަމަށް ވިދާޅުވިއެވެ.

އެމްޕީއެލްއިން ވަނީ މި ބަދަލުގެ ސަބަބުން މުދަލުގެ އަގަށް ބަދަލު އަންނާނެ ބަދަލެއް ނެތް ކަން ފާހަގަ ކޮށްފައެވ.ެ އެއީ މިކަމަކީ ސީދާ މުދާ އެތެރެކުރާ ފަރާތްތަކާއި ގުޅުން އޮންނަ ކަމަކަށް ނުވާތީ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

ރާއްޖެއަށް މުދާ ގެންނަ ބޯޓުތަކުން 2011 ވަނަ އަހަރާއި ހަމައަށް ފައިސާ ދައްކަމުން ދިޔައީ ޑޮލަރުންނެވެ. ނަމަވެސް އޭރުގެ ސަރުކާރުން އެ ސިޔާސަތު ބަދަލު ކުރިއެވެ.