Last Updated: May 3, 15:50
Friday, May 3, 2024
ކުޅިވަރު

އާސެނަލް ލީގުގެ އެއްވަނަ އަށް

އާސެނަލް މޮޅުވި ގޯލު ކާމިޔާބުކޮށްދިން ކައި ހަވެޓްޒް

ބްރެންޓްފޯޑް 2-1 އިން ބަލިކުރުމަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނަ އަށް އާސެނަލް އަރައިފި އެވެ.

މި މޮޅާ އެކު އާސެނަލް އެއްވަނައިގައި އޮތީ 28 މެޗުން ލިބުނު 64 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 27 މެޗު ކުޅެގެން 63 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު ތިންވަނައިގައި 27 މެޗުން 62 ޕޮއިންޓް ހޯދައިގެން އޮތީ މެންޗެސްޓާ ސިޓީ އެވެ. ލީގުގައި މިރޭ ލިވަޕޫލް އާއި ސިޓީ ބައްދަލުކުރާއިރު އެ މެޗު އެއްވަރުވެއްޖެ ނަމަ ގޯލުގެ ތަފާތުން ކުރި ހޯދައިގެން އާސެނަލް އަށް އެއްވަނަ މަގާމު ދެމެހެއްޓޭނެ އެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 19 ވަނަ މިނެޓްގައި ޑެކްލަން ރައިސް ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. ބެން ވައިޓް ބްރެންޓްފޯޑްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ރައިސް ގޯލަށް ވައްދާލީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. އާސެނަލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް ހާފްގެ ފަހު ވަގުތުކޮޅުތެރޭ އާސެނަލްގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް އަތުން ހެދުނު ގޯހަކުން ބްރެންޓްފޯޑުގެ ޔުއޯނޭ ވިސާ އެވެ.

ދެވަނަ ހާފުގައި ބްރެންޓްފޯޑުން ރަނގަޅު ޑިފެންސިވް ކުޅުމެއް ދަނިކޮށް، އެޓީމުގެ ގޯލު އާސެނަލުން ދެވަނަ ފަހަރަށް ފޫއަޅުވާލީ މެޗުގެ 86 ވަނަ މިނެޓްގަ އެވެ. ވައިޓް ނަގައިދިން ހުރަހަކުން މި ގޯލު އާސެނަލަށް ކާމިޔާބުކޮށްދިނީ ކައި ހަވެޓްޒް އެވެ. ހަވެޓްޒް ވަނީ އެންމެފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ގޯލު ކާމިޔާބުކޮށްފަ އެވެ.

މިއީ އާސެނަލުން ލީގުގައި ޖެހިޖެހިގެން ހޯދި 8 ވަނަ މޮޅެވެ.

ލީގުގައި ލިވަޕޫލް އާއި ސިޓީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8:45 ގަ އެވެ.