ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު އާނަންދު އެލް ރާއީ ވެސް ވެބް ސީރީޒެއް ހަދަން އުޅޭކަން އިއުލާންކޮށްފި އެވެ.
"ތަނޫ ވެޑްސް މަނޫ" އާއި "ރާންޖަނާ" އަދި "އަތުރަންގީ ރޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އެފްއައިސީސީ ފްރޭމްސްގައި ބުނީ މިހާރު ވަރަށް ގިނަ ޑައިރެކްޓަރު ތަފާތު އެކި ސްޓްރީމިން ޕްލެޓްފޯމްތަކަށް ތުރިލާ ފަދަ ވަރަށް ޝައުގުވެރި ސީރީޒްތަކެއް ހަދަމުން އަންނަ ކަމަށެވެ.
"އަހަރެން ވެސް ބޭނުން އެފަދަ އެއްޗެއް ހަދަން. އެކަމަކު އަހަރެންގެ ވެބް ސީރީޒް ހަދާނީ ލޯބީގެ ވާހަކައަކަށް. މި އަހަރު ބެލުންތެރިންނަށް އެއަށް އިންތިޒާރު ވެސް ކުރެވިދާނެ." އާނަންދު ބުންޏެވެ. "އެކަމަކު އަދި މި ނެތް މިއާ ބެހޭ ގޮތުން މާ ބޮޑު ތަފުސީލެއް ދެވޭކަށް."
އާނަންދުގެ އެންމެ ފަހުގެ ފިލްމަކީ 2022 ގައި އަކްޝޭ ކުމާރާ އެކީ ގެނެސްދިން ފެމިލީ ކޮމެޑީ ޑްރާމާ "ރަކްޝާބަންދަން" އެވެ. ޝާހްރުކް ޚާންގެ 2018 ގެ "ޒީރޯ" ގެ ޑައިރެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ އެކްޓަރު ދަނޫޝްއާ އެކީ ހަދަން ނިންމާފައިވާ "ތެރެ އިޝްގް މޭ" އެވެ.
މި ފިލްމު އިއުލާންކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.