މި އަހަރުގެ މިސް ވޯލްޑްގެ ތާޖު ޗެކް ރިޕަބްލިކްގެ ރީތީގެ ރާނީ ކްރިސްޓީނާ ސިކޯވާ އަށް ލިބިއްޖެ އެވެ.
އިންޑިއާގެ މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި ރޭ ބޭއްވި ކުލަގަދަ ހަފުލާގައި އޭނަގެ ބޮލުގައި ތާޖު އަޅުވައި ދިނީ މިދިޔަ އަހަރުގެ މިސް ވޯލްޑްގެ މަގާމު ހޯދި ޕޮލޭންޑްގެ ކެރޮލީނާ ބިއެލޯސްކާ އެވެ. ކްރިސްޓީނާ، 23، އަކީ ލޯ ކިޔަވަމުން އަންނަ މޮޑެލްއެކެވެ.
ހަތްދިހަ އެއް ވަނަ މިސް ވޯލްޑް މުބާރާތުގެ ދެވަނަ އަކީ ލުބްނާންގެ ޔަސްމީމާ ޒޭތޫނެވެ. ތިން ވަނަ އަކީ ޓްރިނާޑް އެންޑް ޓޮބޭގޯގެ އޭޝީ އަބްރަހަމްސް އެވެ.
ފޯރިގަދަ ހުށަހެޅުންތަކެއް ވެސް ސްޓޭޖްމަތިން ފެނިގެން ދިޔަ މިސް ވޯލްޑް ހޯސްޓްކުރީ ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރާއި 2013 ގެ މިސް ވޯލްޑް މޭގަން ޔަންގް އެވެ.
މިއީ ދުނިޔޭގެ އެންމެ ބޮޑު ރީތީގެ މުބާރާތް އިންޑިއާގައި ބޭއްވި ދެވަނަ ފަހަރެވެ. މިސް ވޯލްޑ މުބާރާތް އެންމެ ފުރަތަމަ އެ ގައުމުގައި ބޭއްވީ 1996 ގަ އެވެ.
މި އަހަރުގެ މިސް ވޯލްޑްގައި 115 ގައުމަކުން ވާދަކުރި އެވެ.