Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

އަމާޒަކީ ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުން

ފޮޓޯ: ރައީސް އޮފީސް

އަމާޒަކީ ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި ރާއްޖޭގައި އުފެއްދޭގޮތް ގާއިމުކޮށް ފުޑް ސެކިއުރިޓީ ޔަގީން ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލުތަކަށް ސޯޝަލްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށި ސިލްސިލާ "ރައީސްގެ ޖަވާބު"ގައި، ރޯދަމަހާ ދިމާކޮށް ވަކީން ޚާއްޞަކޮށް، ކާބޯތަކެތީގެ އަގު ހެޔޮވާނެ ގޮތްތައް ހައްދަވައިދެއްވުން އެދި ރައްޔިތަ ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުރިއްޒު ވިދާޅުވީ، ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރޯދަމަސް ފެށޭއިރު އެންމެ އަސާސީ ހުރިހާ ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ގެނެސް އަގުހެޔޮކޮށް ވިއްކުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. މީގެއިތުރުންވެސް ކާބޯތަކެތީގެ އަގުހެޔޮ ކުރުމަށް އިތުރު މަސައްކަތްތައް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މެދުރާސްތާ އަދި ދިގުރާސްތާގައި ސަރުކާރުގެ ޕްލޭނަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތްތަކެއް ރާއްޖޭގައި އުފެއްދޭގޮތް ގާއިމުކޮށް ފުޑް ސެކިއުރިޓީ ޔަގީން ކުރުން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އޭރުން ކާބޯތަކެތީގެ އަގުވެސް ދައްވާނެ ކަމަށާއި އަދި އަދަދުވެސް ޔަގީން ކުރެވޭނެ ކަމަށެވެ.

ރައީސް މުއިއްޒު އެކި ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. އިނގުރައިދޫއަށް މިފަހުން ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކާބޯތަކެތީގެ ހުރިހާ ބާވަތެއް އެތެރެކުރަން މިހާރު ޖެހެނީ ބޭރުން ކަމަށާއި ރާއްޖޭގައި އުފެއްދޭ ތަކެތި ވެސް އެތެރެކުރަނީ ބޭރުން ކަމަށެވެ. ނަމަވެސް ރާއްޖޭގައި އުފެއްދިދާނެ ހުރިހާ ކާބޯތަކެއްޗެއް ރާއްޖޭގެ އާބާދީ އަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފެއްދޭނެ ކެޕޭސިޓީ ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެ މަސައްކަތްތައް މިހާރު ކުރެވެމުންދާ ކަމަށެވެ. އެގޮތުން ލަސްތަކެއް ނުވެ ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާ އިން މަސައްކަތް ކުރާ ރަށްރަށަށް އިސްކަންދީގެން އަދި މުޅިން އަލަށް އެކި ދިމާތަކުގައި ދަނޑުވެރިކަމުގެ ސެންޓަރުތައް ގާއިމުކޮށްގެން ރާއްޖެ އަށް އިންވެސްޓްމެންޓު ގެންނާނެ ކަމަށް ވިދާޅުވިއެވެ.