Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ހީރާމަންޑީ" އިން ލަވައެއް ދައްކާލައިފި

ނެޓްފްލިކްސް އަށް ގެންނަން ތައްޔާރުވަމުން އަންނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ވެބް ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" ގެ ލަވައެއް އާންމުކޮށްފި އެވެ.

"ސަކަލް ބަން" ގެ ނަން ދީފައިވާ މި ލަވަ އަކީ އިހުގެ ފާޑުވެރިކަން މުޅި ލަވައިން އިހުސާސްކޮށްދޭ ކަހަލަ ލަވައެކެވެ. ލަވައިން ފެނިގެން ދަނީ މުޅިން ވެސް އަންހެނުންގެ ހަރަކާތްތަކެވެ. ހިތްގައިމު ސެޓެއްގައި ޝޫޓްކޮށްފައިވާ ލަވައިން "ހީރާމަންޑީ" ގެ މައިގަނޑު ކާސްޓްގައި ހިމެނޭ ބަތަލާއިންގެ ތެރެއިން މަނީޝާ ކޮއިރަލާ، އަދިތީ ރާއޯ ހައިދަރީ، ރިޗާ ޗައްޑާ، ސަންޖީދާ ޝެއިހް އަދި ބަންސާލީ އަށް ބޮޑުބޭބެކިޔާ ޝަރުމިން ސޭގަލް ފެނިގެންދެ އެވެ.

މި ސީރީޒްގެ ކާސްޓްގައި ސޮނާކްޝީ ސިންހާ ވެސް ހިމެނެ އެވެ. އެކަމަކު "ސަކަލް ބަން" ލަވައިން އޭނަ ފެނިގެންނެއް ނުދެ އެވެ.

ހަތް އެޕިސޯޑްގެ "ހީރާމަންޑީ" އަކީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން ލާހޯރްގެ ރެޑް ލައިޓް އޭރިއާގައި އުޅުނު ޝާހީ ޖާރިޔާއިންގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. މީގެ ޓީޒާ ޓްރެއިލާ ވެސް މިދިޔަ މަހުގެ ތެރޭގައި އާންމުކޮށްފައިވެ އެވެ. އެކަމަކު ސީރީޒް ޕްރީމިއާކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ހީރާމަންޑީ" އަކީ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ބަންސާލީގެ ފުރަތަމަ ވެބް ސީރީޒެވެ. "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ދޭވްދާސް" އާއި "ބްލެކް" އާއި "ބަޖިރާއޯ މަސްތާނީ" ގެ އިތުރުން "ޕަދުމާވަތު" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" އެވެ. ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ "ލަވް އެންޑް ވޯ" އެވެ.