Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ބޭނުން ނުކޮށް މަގުމަތީ ހުރި 281 އުޅަނދު ނައްތާލައިފި

ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ބަހައްޓާފައިހުރި 281 އުޅަނދެއް ނައްތާލައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން މިދިޔަ ހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ކުރެވުނު މަސައްކަތުން ގިނަ ދުވަސްވަންދެން ބޭނުންނުކޮށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި އުޅަނދު ތަކުގެ ތެރެއިން 123 އުޅަނދެއް ނައްތާލާފައިވާ ކަމަށެވެ.

މިހާތަނަށް މި ޕްރޮގްރާމުގެ ދަށުން ޖުމުލަ 281 އުޅަނދެއް ނައްތާލާފައިވާ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ، ފުލުހުން، މާލޭސިޓީ ކައުންސިލް، އެޗްޑީސީ، ކަސްޓަމްސް، އެމްޓީސީސީ، ބިމާއި އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީ، ވެމްކޯ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ މި ޕްރޮގްރާމުގެ މަގުސަދަކީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ހުރި ހުރަސްތަކުން އަރައިގަތުމެވެ.

މީގެއިތުރުން ގްރޭޓާ މާލޭ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތަކުން މީހުންގެ ފުރާނަ ގެއްލޭ މިންވަރު މަދުކުރުމަށާއި ނުރައްކަލަށް ހުށަހެޅޭ ފަރާތްތައް މަދުކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދިނުމެވެ.