އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމު "ފުރޭތަ" އަށް ބެލުންތެރިން ދެމުން އަންނަ ލޯތްބާއި ތަރުހީބާ ހެދި ވަރަށް އުފަލުން ހުރި ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެފި އެވެ.
އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ މި ރިވެންޖް އެކްޝަން ތުރިލާ އަކީ މޮގާ އާއި އަންހެނުން އައިޝަތު ފުއާދު (ލޮކީ) ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. މި މަހުގެ 4 ގައި "ފުރޭތަ" ޕްރިމިއާކުރި ފަހުން، އެ ފިލްމު ބެލި، ވަރަށް ގިނަ ބަޔަކު މިހާތަނަށް ސޯޝަލް މީޑިއާގައި ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެ އެވެ
ހާއްސަކޮށް މި ފިލްމަކީ ދިވެހި މުޖުތަމައުގައި މިހާރު ހުރި އިޖުތިމާއީ އަދި އާއިލީ ވަރަށް ގިނަ އިޝޫތަކެއް އަލިއަޅުވާލައިގެން ހަދާފައި އޮތް ފިލްމެއްކަން ގިނަ ބަޔަކު ފާހަގަކޮށް، ފިލްމު ގެނެސްދީފައި އޮތްލެއް ވަރަށް ކަމުދާ ކަމަށް ބުނެފައިވެ އެވެ. އަދި "ފުރޭތަ" އަކީ މި ފަހުން ބެލުނު އެންމެ ޝައުގުވެރި ފިލްމުކަން ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.
ބެލުންތެރިން މިއަށް ދެމުން އަންނަ ތަރުހީބާ ބެހޭ ގޮތުން "އައްޑޫ ލައިވް" އަށް މޮގާ ބުނީ ފިލްމަށް ލިބެމުން އަންނަނީ ކުރިން ހީކުރި ވަރަށް މާ ރަނގަޅު ތަރުހީބެއް ކަމަށާއި ވަރަށް އުފަލުން ހުރި ކަމަށެވެ.
"ފިލްމަށް ލިބެމުން އަންނަ ތަރުހީބަށް ވަރަށް އުފާކުރަން. ވަރަށް ހިތްހަމަޖެހޭ. ޝޯތައް ދައްކާ އިރު އަޅިގަނޑު ވަންނަން ޕަބްލިކްގެ ރިއެކްޝަން ބަލާލަން ވެސް. އަޅުގަނޑު ފުރަތަމަ ހިއެއް ނުކުރަން، މިކަހަލަ ފިލްމެއް ބަލަން އިންނަ އިރު މީހާ އެންގޭޖްވެގެން ދާނެ ކަހަލަ ރިއެކްޝަނެއް ލިބިގެން ގޮސްދާނޭ،" 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ ފިލްމާ ބެހޭ ގޮތުން މޮގާ ބުންޏެވެ. "އެކަމަކު [ބެލުންތެރިންގެ] ރިއެކްޝަން ވަރަށް އާދަޔާހިލާފު. އެހެންވެ ވަރަށް އުފާވޭ."
މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ މޮގާ ބުނީ ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން "ފުރޭތަ" އާ ދޭތެރޭ އެންމެ ހިތްހަމަޖެހެނީ ބެލުންތެެރިންނާ ވަރަށް ރިލޭޓްވާ ކަހަލަ ފިލްމެއް ގެނެސްދެވުނީތީ ކަމަށެވެ.
"އެގޮތުން ފިލްމުގެ ޑައިލޮގްތަކަށް އޯޑިއަންސްގެ ރެސްޕޮންސް ލިބިގެންދާ ތަން ފެނުން އެއީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ." އޭނަ ބުންޏެވެ.
"ފުރޭތަ" އަކީ ފުރަތަމަ ފަހަރަށް ރޯދަ މަހެއްގައި ފިލްމެއްގެ ޝޯތަކެއް ޝެޑިއުލްކޮށް އޮލިމްޕަހުގައި ކުރިއަށް ގެންދަން ނިންމި ފުރަތަމަ ފަހަރެވެ. އެހެންވެ ރޯދަ މަހުގެ ޝޯތަކާ ބެހޭ ގޮތުން މޮގާ ބުނީ މިހާތަނަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބަށް ބަލާ އިރު، ރޯދަ މަހުގެ ޝޯތައް ވެސް ކާމިޔާބުކަމާ އެކީ ދާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.
ރޯދަ މަހުގެ ޝޯތައް ދައްކަން ޖެހިފައި ވަނީ ރޭގަނޑު 10:00 ގަ އެވެ.
"އިރާދަކުރެއްވިއްޔާ [ރޯދަ މަހުގެ ޝޯތައް] ރަނގަޅުވާނެ ކަމަށް އުންމީދު މި ކުރެވެނީ. އަޅުގަނޑަށް ހީވަނީ ކުރިއަށް ހުރި ޝޯތައް ދާ ގޮތަކުންހެން އެނގޭނީ،" މޮގާ ބުންޏެވެ. "އުންމީދު ކުރެވެނީ ރަނގަޅު ވާނެ ކަމަށް. ހަމަ ގައިމު ވެސް މިހާތަނަށް ލިބުނު ރިއެކްޝަނަށް ބަލާފައި ޕްރެޑިކްޓްކުރަންޏާ ބުނެވޭނީ ހަމަ ރަނގަޅު ވާނެ. އެކަމަކު ރަމަޟާން މަސްވީމަ ނޭނގޭ [އަސްލު] ވާނެ ގޮތެއް."
"ފުރޭތަ" އަކީ ޑާކް ރެއިންގެ މި އަހަރުގެ ފުރަތަމަ ފިލްމެވެ. މީގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އައިޝަތު އަސީލާ، ހަމްދާން ފާރޫގް، މުހައްމަދު ރިފްޝާންގެ އިތުރުން އަލީ ނަދީހު ފަދަ ތަރިން ހިމެނެ އެވެ.