Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ރޯދަ މަހު ވެސް ޔާމީން ބަންދުގައި، ސޯލިހާއި މުއިއްޒުގެ ތަފާތެއް ނެތް

ޔާމީން އާއި ޖަމީލް - ފޮޓޯ: ޕީއެންސީ

މިއަހަރުގެ ރޯދަ މަސް ފެށޭއިރުވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ބަންދުގައި ކަމަށާއި، މިކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަފާތެއް ނެތްކަމަށް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔާމީންގެ އިސްތިއުނާފު ހިފެހެއްޓިފައިވާ ކަމަށާއި، ރޯދަ މަސް ފެށިގެންދާއިރުވެސް ޔާމީން ހުންނެވީ ބަންދުގައި ކަމަށެވެ. އަދި ވިދާޅުވީ މިހާބޮޑު ބޭއިންސާފަކަށް އަރައިގަނެގެން ތިބެ ހެޔޮ ނަސޭހަތް ދޭން އުޅުން ދެކޮޅުނުޖެހޭ ކަމަށެވެ.

މީގެއިތުރުން ޖަމީލް ވިދާޅުވީ، މިކަމުގައި ކުރީގެ ރައީސް ސޯލިހުއާއި ރައީސް މުއިއްޒުގެ ތަފާތެއް ނެތްކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ހިޔާނާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން ނިންމާލާފައިވާއިރު ހުކުމް ކުރުމުގެ އަޑުއެހުން ނުބާއްވާ ގިނަ ދުވަސްވާތީ ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން އަދި ޔާމީންގެ ވަކީލުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.