Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

މާލެ ސާފުކުރަން ޑިމޮކްރެޓްސް އިން ގޮވާލައިފި

މާލެ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ދަ ޑިމޮކްރެޓްސްއިން މާލެސިޓީ ކައުންސިލަށް ގޮވާލައިފިއެވެ.

މާލޭގެ މަގުތަކުގައި ކުނި އިތުރުވެ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު ދަ ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާލެ ސިޓީގެ ކުނި މެނޭޖްކުރުން އިންތިހާއަށް ބޮއްސުންލާފައިވާ ކަމަށާއި، ކަންކަންމަތީގައި ކުނިވާ ޒާތުގެ ޑަސްބިންކޮތަޅުން ފެށިގެން ފަރުނީޗަރުގެ ބައިބަޔާއި، ގައުކުނޑީގެ ފުނިވަރުތަކުން މާލެ ގޮނޑުވެފައިވާ ކަމަށެވެ.

ޑިމޮކްރެޓްސްއިން ބުނެފައިވަނީ މާލެތެރެ ހިރުކޮށް ހަންމަތަ ކުރުމުގެ އެއްވެސް މަސައްކަތެއް ކަމާބެހޭ އެއްވެސް އިދާރާއަކުން ހިންގާފައި ނުވާ ކަމަށެވެ. އަދި ގޯތިގެދޮރު ފޮޅާ ސާފުކޮށް، ރޯދައަށްވާ ތައްޔާރީގައި ގޭބީސީތަކުން އުފެދޭ ކުނި އުކާ، މަގުތަކާއި އާންމު ހުސްޖާގަތައް ސާފުކުރަން އެހެން އަހަރުތަކުގައި ހިންގި ބާވަތުގެ އެއްވެސް ހަރަކާތެއް މާލެ ސިޓީ ކައުންސިލުންވެސް ހިންގާފައި ނެތްކަމަށެވެ.

"މާލެއަކީ މަގުތަކާއި ޕާކުތަކާއި އާންމު ހުސްޖާގަތަކަށް ނުކުމެ ނޫޅެވޭވަރު ތަނަކަށް މުޅިން ބަދަލުވަމުން އަންނައިރު، ތަނަވަސްކަމާއި ފެހިކަމާއި ތާހިރުކަމުގެ ޝިއާރުގައި މާލޭގެ މޭޔަރު ކަމަށް ނިކުންނަވާ އިންތިހާބުވެ ވަޑައިގެންނެވި މޭޔަރު މާލެ ތާހިރުކުރަން ޕްލޭންކުރައްވާ ގޮތެއް، އަޅުއްވަން ގަސްތުކުރައްވާ ފިޔަވަޅެއް، ހިންގަވާ މަސައްކަތެއްގެ ހިލަމެއްވެސް ނެތެވެ." ޑިމޮޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޑިމޮކްރެޓްސްއިން ވަނީ އާންމު ސިއްހަތާއި ސަލާމަތަށް އެކަށޭނަ ގޮތެއްގައި މާލެ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ސިޓީ ކައުންސިލަށް ގޮވާލާފައެވެ. އަދި ދެމެހެއްޓެނިވި އިންތިޒާމެއްގެދަށުން މާލޭގެ ސާފުތާހިރުކަން ކަށަވަރު ކުރުމަށް ވެސް ގޮވާލާފައިވެއެވެ.