Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ކިކް 2" އަންނަ އަހަރުގެ ފިތުރު އީދަށް

ސަލްމާން ޚާންގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ކިކް" ގެ ސީކްއެލްގެ ޝޫޓިން މި އަހަރުގެ މެއި މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ ކަމަށާއި އަމާޒަކީ އަންނަ އަހަރުގެ ފިތުރު އީދުގައި އެ ފިލްމު ބެލުންތެރިންނަށް ގެނެސްދިނުން ކަމަށް ރިޕޯޓްތައް ބުނެފި އެެވެ.

"ކިކް" އަކީ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ އަލަތު ޑައިރެކްޝަނެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމުގެ ބަތަލާ އަކީ ޖެކްލީން ފެނަންޑޭޒެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ "ކިކް" ޑައިރެކްޓްކުރީ ސަލްމާންގެ ގާތް އެކުވެރިޔާ ސާޖިދު ކަމަށް ވިޔަސް "ކިކް 2" ލިޔެ، ޑައިރެކްޓްކުރާނީ އާމިރު ޚާންގެ 2008 ގެ "ގަޖިނީ" ގެނެސްދިން އޭއާރް މުރްގަދޯސް ކަމަށެވެ. ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލްމާނާ އެކީ ފިލްމެއް ހަދަން މުރްގަދޯސް އަންނަނީ ތައްޔާރީތަކެއް ވެސް ވަމުންނެވެ.

ނަމަވެސް "ކިކް 2" އާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ސާޖިދު އަދި ކަށަވަރުކޮށެއް ނުދެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން "ކިކް 2" ޑައިރެކްޓްކުރާނީ ރޯހިތު ޝެޓީ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކުރުމުން އެކަން ސާޖިދުގެ ފިލްމު ކުންފުނި، ނަދިއަދުވާލާ ގްރޭންޑްސަން އިން ދޮގުކޮށްފައިވާކަމެވެ.

ހަންގާމާ އިން ބުނި ގޮތުގައި މުރްގަދޯސްއާ "ކިކް 2" ހަވާލުކުރި ނަމަވެސް މީގެ މަސައްކަތް ވަރަށް ގާތުން ސާޖިދު ބަލާނެ އެވެ. ސަބަބަކީ އެ ފިލްމަކީ އޭނަގެ ހިތާ ވަރަށް ގާތް ޕްރޮޖެކްޓަކަށްވުމެވެ.

ޖުލައި 25، 2014 ގައި ރިލީޒްކުރި "ކިކް" އަކީ ބޮކްސް އޮފީހުގައި 402 ކްރޯޑް ރުޕީސް (49 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ކާސްޓްގައި ރަންދީޕް ހޫޑާ އާއި ނަވާޒުއްދީން ސިއްދީގީ އާއި މިތުން ޗަކްރަބަތީގެ އިތުރުން އަރްޗަނާ ޕުރާން ސިންގް ވެސް ހިމެނޭ ފިލްމު ހެދީ 140 ކްރޯޑް ރުޕީސް (17 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޓައިގާ 3" އެވެ.