އައްޑޫ ސިޓީ ކައުންސިލުން ކުނި ނަގައި ދިނުމުގެ ހިދުމަތް ދޭނެ އަގުތައް އިއުލާންކޮށްފި އެވެ.
ކައުންސިލުން ބުނެފައިވާ ގޮތުގައި ގޭބިސީތަކުން ކުނި ނަގާ އިރު ހަފުތާ އެކު ދެ ފަހަރު ކުނި ނަގާ ނަމަ މަހަކު ދައްކަން ޖެހެނީ 85ރ. އެވެ. ހަފުތާ އަކު ތިން ފަހަރު ނަމަ 100ރ. އެވެ. ދުވާލަކު އެއް ފަހަރު ނަމަ މަހު ފީއެއްގެ ގޮތުގައި ދައްކަން ޖެހެނީ ވެސް 100ރ. އެވެ.
ކައުންސިލުން ބުނީ ކުނި ނެގުމަށް ރަޖިސްޓްރީކޮށްފައިވާ ކޮންމެ ތާކުން ޑަސްބިން ކުނީގެ އިތުރަށް މަހަކު އެއް ލޯޑް ކުނި ނަގައި ދެވޭނެ ކަަމަށެވެ.
އަދި އަމިއްލަ އަށް ގޮސް ކުނިކޮއްޓަށް ކުނި އުކާ ނަމަ، ކުނިކޮއްޓަށް ގެންދާ ކޮންމެ ކުނި ލޯޑަކަށް 20ރ. ޗާޖް ކުރަން ވެސް ނިންމާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ކުނި ނެގުމުގެ ހިދުމަތުން ނަގާ ފީ އަށް ބަލާ އިރު ރިސޯޓް/ސިޓީހޮޓާ ފަދަ ތަންތަނުން ކުނިކޮއްޓަށް ގެންނަ ކޮންމެ 1/2 ޓަނާއި ދެ ޓަނާ ދެމެދުގެ ލޯޑަަކަށް ނަގާނީ 250ރ. އެވެ.
ރިސޯޓް/ސިޓީހޮޓާށ ފަދަ ތަންތަނުން ދެ ޓަނާއި 4.5 ޓަނާ ދެމެދުގެ ކުނި ލޯޑަކަށް ނަގާނީ 500ރ. އެވެ. މީގެ އިތުރުން ދަގަނޑާއި ގާކުނޑި އާއި އިންޑަސްޓްރިއަލް ވޭސްޓް ފަދަ ނައްތާ ނުލެވޭ ކުނީގެ ތެރެއިން 1/2 ޓަނާއި ދެ ޓަނާ ދެމެދުގެ ލޯޑަކަށް ނަގާނީ 150ރ. އެވެ. އަދި ހަމަ އެ ބާވަތްތަކުގެ ކުނީގެ ތެރެއިން ދެ ޓަނާއި 4.5 ޓަނާ ދެމެދުގެ ކުނި ލޯޑަކަށް ނަގާނީ 200ރ. އެވެ.
ލަކުނޑި އާއި ދަރު ފަދަ ނައްތާ ނުލެވޭ ކުނީގެ 2 ދެ ޓަނާއި 4.5 ޓަނާ ދެމެދުގެ ލޯޑަކަށް ފީއެއްގެ ގޮތުގައި ނަގާނީ 100ރ. އެވެ.
އަންނަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ކައުންސިލުން ކުނި ނެގުމުގެ ހިދުމަތް ފަށާތީ، ހުރިހާ ގޭބިސީއަކުން ކުނި އުކައި ދިނުމުހެ ހިދުމަތަށް ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
އެކަމަށް އެދޭ ފޯމް އަވަށު އޮފީސްތަކުން މިހާރު ލިބެން ހުންނާނެ އެވެ.
